ގައްޒާގައި ކާބޯތަކެތި ދޭމަތިން ކުޑަކުދިން ކައިވެނި ކުރުވުން އިންތިހާއަށް އިތުރުވެއްޖެ

އިސްރާއީލުން ލާއިންސާނީ އަނިޔާތައް ހިންގަމުންދާ، ފަލަސްތީނުގެ ގައްޒާގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކާއި، ގަދަކަމުން ކުރުވާ ކައިވެނިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އދ.ގެ އާބާދީއާ ބެހޭ ޖަމިއްޔާ (ޔޫއެންއެފްޕީއޭ) އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ދާދި ފަހުން ނެރުނު ރިޕޯޓުތަކެއްގައި ބުނެފައިވާ ގޮތުގައި، ދިގުލައިގެން ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ގައްޒާގެ އިޖުތިމާއީ ނިޒާމުތައް ވަނީ ފުނޑުފުނޑުވެފައެވެ. މީގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ޖިންސީ އަދި ޖެންޑާ ބޭސްޑް އަނިޔާގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކުޑަކުދިންނާ ގަދަކަމުން ކުރުވާ ކައިވެނިތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އދ. އިން ކަނޑައަޅާފައިވާ ގޮތުގައި މިއީ ވެސް ޖެންޑާ ބޭސްޑް އަނިޔާގެ ބާވަތްތަކެކެވެ.

ޣައްޒާގެ ރަފަހަށް ދިން ހަމަލާއެއްގައި ސުންނާފަތި ކޮށްފައިވާ ގެޔެއް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންތަކެއް މަޑުކޮށްގެން -- ފޮޓޯ އޭއެފްޕީ

ކާބޯތަކެއްޗަށް ކުދިން ކައިވެނިކުރުވުން

ޔޫއެންއެފްޕީއޭއިން ހާމަކުރި ގޮތުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު ދެވަނަ ކުއާޓަރުގައި ކުޑަކުދިންނާއި ގަދަކަމުން ކުރުވާ ކައިވެނިތަކުގެ މައްސަލަތައް ވަނީ 123 އިންސައްތަ އިތުރުވެފައެވެ. ގައްޒާ ސިޓީ އާއި ހާން ޔޫނިސްގެ ތޮއްޖެހިފައިވާ ކޭމްޕުތަކުގައި ދިރިއުޅޭ 230 އަންހެނެއްގެ ފަރާތުން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލި އެހެން ރިޕޯޓެއްގައި، އެ މީހުންނަށް ތަޖުރިބާކުރަން ޖެހުނު އަދި ފެނުނު އަނިޔާވެރި އަމަލުތައް ވަނީ ބަޔާންކޮށްފައެވެ.

ބައެއް އާއިލާތަކުން ކާބޯތަކެތި ހޯދުމަށްޓަކައި ކުޑަ އަންހެން ދަރިން ކައިވެނިކުރުވާފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. މިގޮތުން، ފުށް ބަސްތާއެއް ހޯދުމަށް 14 އަހަރުގެ އަންހެން ކުއްޖަކު ކައިވެނިކުރުވި ހާދިސާއެއް ވެސް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ރޭޕްގެ ޝިކާރައަކަށްވާ ކުދިންގެ އަބުރު ސަލާމަތްކުރުމަށްޓަކައި، ރޭޕްކުރި މީހާއާ އެ ކުދިން ކައިވެނިކުރުވާ ކަމަށް ވެސް ކޭމްޕެއްގައި ދިރިއުޅޭ އަންހެނަކު ބުނެފައިވެއެވެ.

ފަލަސްތީނުގައި ހުންނަވާ ޔޫއެންއެފްޕީއޭގެ މަންދޫބު ނެސްޓާ އޮވޮމުހަންގީ ވިދާޅުވި ގޮތުގައި، މި ހިސާބުތަކަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ހިސާބުތަކެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި ކުރިމަތިވި ހާލަތުގެ ސަބަބުން އިޖުތިމާއީ އޮނިގަނޑުތައް ވަނީ މުޅިން ހަލާކުވެފައެވެ. ގައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީގެ ބޮޑު ބައެއް ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އޭގެ ތެރެއިން 1.2 މިލިއަން މީހުން ދިރިއުޅެނީ ވަގުތީ ފޭލިގެތަކުގައެވެ.

ތައުލީމުން މަހުރޫމުވުމާއި ސިއްހީ ނުރައްކާތައް

ހަނގުރާމައިގެ ކުރިން ގައްޒާގައި ފިރިހެން ކުދިންނަށް ވުރެ ގިނައިން އަންހެން ކުދިން ތައުލީމު ހާސިލުކުރަމުން ދިޔަ ނަމަވެސް، ސްކޫލްތައް ބަންދުކުރުމާ ގުޅިގެން ހަތް ލައްކަ ކުދިންނަށް ވަނީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ގެއްލިފައެވެ.

ތޮއްޖެހިފައިވާ ކޭމްޕުތަކުގައި އެއްވެސް ޕްރައިވެސީއެއް ނެތި ދިރިއުޅެން ޖެހުމުން، ޖިންސީ ފުރައްސާރައާއި ގޯނާގެ މައްސަލަތައް އިތުރުވެފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އެހެންކަމުން، ގިނަ އާއިލާތަކުން ދެކޭ ގޮތުގައި އަންހެން ދަރިން ކައިވެނިކުރުވުމަކީ އެ ކުދިންނަށް ރައްކާތެރިކަން ހޯދައިދެވޭނެ ގޮތެކެވެ.

ޣައްޒާގައި ކުރި ކައިވެންޏެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ; ގާޒާޓައިމް.ކޮމް

މައިންބަފައިން މަރުވެފައިވާ ކުދިންގެ ހަރަދުތައް ބެލެހެއްޓުމުން ސަލާމަތްވުމަށްޓަކައި، ބޮޑުބޭބެމެން އިސްވެ 14 އަހަރާއި 15 އަހަރުގެ ކުދިން ކައިވެނިކުރުވާފައިވާ ކަމަށް ގައްޒާ ސިޓީގެ ކޭމްޕެއްގައި އުޅޭ އަންހެނަކު ބުނެފައިވެއެވެ.

މީގެ އިތުރުން، ކުޑަކުދިން ބަލިވެއިނުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް އޮވޮމުހަންގީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަށިގަނޑު ފުރިހަމައަށް ބޮޑުނުވާ އުމުރުގައި ބަލިވެއިނުމާއި، ބަނޑުހައިހޫނުކަމާއި ސާފުތާހިރުކަން ކުޑަ މާހައުލެއްގައި އުޅެން ޖެހުމުގެ ސަބަބުން ނުކުންނަ ނަތީޖާ ވަރަށް ގޯހެވެ.

ގައްޒާގެ އިސްލާމީ ކޯޓުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ކައިވެނިކުރުމުގައި ހުންނަ ގާނޫނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަނީ ނެތިގޮސްފައެވެ.

ޖިންސީ އަނިޔާއާއި އިންސާނީ އެހީތެރިކަން

ޔޫއެންއެފްޕީއޭ އިސްވެ އޮވެ އެކުލަވާލި ޓާސްކް ފޯހުގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރޭޕްކުރުމާއި ޖިންސީ ގޯނާ ހިމެނޭ ގޮތަށް ޖިންސީ އަނިޔާގެ މައްސަލަތައް ގައްޒާގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރިޕޯޓުކޮށްފައިވާ ޖެންޑާ ބޭސްޑް އަނިޔާގެ މައްސަލަތަކުގެ ތެރެއިން 2.7 އިންސައްތައަކީ ޖިންސީ އަނިޔާގެ މައްސަލަތަކެވެ.

މިއީ އޭގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު 61 އިންސައްތައިގެ އިތުރުވުމެކެވެ. މި މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ގިނައީ 18 އަހަރާއި 59 އަހަރާ ދެމެދުގެ އަންހެނުންނެވެ.

ރޭގަނޑުގެ ވަގުތުތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށް އޮންނަ ނުރައްކާ ބޮޑުވުމުގެ ސަބަބުން، ކޭމްޕުތަކުގެ ފާހާނާތައް ބޭނުންކުރުމަށް އެމީހުން ޖެހިލުންވާ ކަމަށް އދ.ގެ ސޭފްޓީ އޮޑިޓްތަކުން ދައްކައެވެ. ހުވަފަތްވެފައިވާ އަންހެނުންނާއި ފިރިން ހައްޔަރުކޮށްފައިވާ ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައިވާ އާއިލާތަކަށް ޖިންސީ ގޯނާގެ ނުރައްކާ ވަކިން ބޮޑެވެ.

ހަނގުރާމައިގެ ކުރިއާ އަޅައިބަލާއިރު، އަންހެނުން އިސްވެ ތިބެ ހިންގާ ގޭބިސީތަކުގެ އަދަދު ވަނީ ދެގުނަ އިތުރުވެފައެވެ. އެހީދޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި، އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރެވޭނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރުކޮށްގެންނެވެ. މިގޮތުން، ރަނގަޅު ފެންވަރުގެ ހިޔާތަކާއި، ފާހާނާ ނިޒާމު ރަނގަޅުކުރުމަށް ބޭނުންވާ ސާމާނާއި، އަލިކުރާނެ ވަސީލަތްތައް ގައްޒާއަށް އެތެރެކުރުމުގެ ހުއްދަ ދިނުމަށް އެ ޖަމިއްޔާތަކުން ވަނީ އިސްރާއީލަށް ގޮވާލައިފައެވެ.

comment ކޮމެންޓް