މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ސޯސަންމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން އަނިޔާވެފައިވަނީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ.
މި ހާދިސާގައި އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލެ ސަރަހައްދުގައި ވެސް ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 2,100 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.