އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ނައިބު ރައީސް ނިއުޔޯކަށް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް: އެމަނިކުފާނު ވަނީ ނިއުޔޯކަށް ފުރާވަޑައިގެންފައި --- ފޮޓޯ: ރައީސް އޮފީސް

އދ ގެ އާންމު މަޖިލީހުގެ 81ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރޭ ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެ ހަފުތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ ސެޝަންގައި ރާއްޖޭގެ ފަރާތުން ނައިބު ރައީސް ރަސްމީ ބަޔާން އިއްވަވާނެ ކަމަށާއި ދޭދޭ ގައުމުތަކުގެ އިސްވެރިންނާއި ގިނަ ގައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އާންމު މަޖިލީހުގެ ބަހުސް ހުޅުވައިލުމުގެ ރަސްމިއްޔާތާއި އެ ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ހަފުލާތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަތް ދުވަހުގެ މުއްދަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވައިލުމަށްފަހު ނައިބު ރައީސް އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް