ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން އަލުން ހުއްދަކޮށް، އެއް ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ފުޅި މަނާކުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ފަސްކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ އެންމެ ފަހުގެ ގަރާރަށް އިޞްލާޙު ގެންނަވައިފައިވާ ކަމަށެވެ.
އެ ލިސްޓުގެ ނަންބަރު އެކެއްގައި އޮންނަނީ، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅިއެވެ. އެފަދަ ހޮޅި ރާއްޖެއަށް އެތެރެކުރުން، ނިމިދިޔަ ސަރުކާރުގައި 2021ގައި މަނާކޮށް، 2022ގައި ވަނީ ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ. ރައީސް މިއަދު ނެރުއްވި ގަރާރުގައި ވަނީ ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރުން ޖޫން އެކެއް، 2031 އަށް ފަސްކުރައްވައިފައެވެ. އަދި އެ ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން ވަނީ އެ އަހަރުގެ 19 ޑިސެންބަރަށް ފަސްކުރައްވައިފައެވެ.
އުކާލައިފައިވާ ޕްލާސްޓިކް ފުޅި ނެގުން: ޕްލާސްޓިކް ހޮޅި އެތެރެކުރުމާއި އުފެއްދުން އަލުން ހުއްދަކޮށް، 1 ލީޓަރުގެ ޕްލާސްޓިކް ފެން ފުޅި މަނާކުރުން ވަނީ ފަސްކޮށްފައި -- ފޮޓޯ/ ޕާލޭއެ ލިސްޓުގެ ނަންބަރު 13 ގައި ހިމެނެނީ އެއް ލީޓަރާއި އެއް ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅިއެވެ. މިދިޔަ އަހަރު ރައީސް ނެރުއްވި ގަރާރަކުން ވަނީ އެ ފަދަ ފުޅި ބާޒާރަށް ނެރުން މަނާކުރުން 2027އިން 2028އަށް ފަސްކުރައްވައިފައެވެ. މިއަދު ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން، އެ ސައިޒުގެ ފުޅި އެތެރެކުރުމާއި އުފެއްދުން މަނާ ވާނީ ޑިސެންބަރު 1، 2029ގައެވެ. އަދި ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2030ގައެވެ.
މީގެ އިތުރުން، ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކުރައްވައި، 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި، ގައުމުގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅުއްވައި، އެ ލިސްޓުވަނީ އިޞްލާޙުކުރައްވައިފައެވެ.
ރާއްޖެއަކީ އެއް ފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ގިނަގިނައިން ބޭނުންކުރާ، އެފަދަ ކުނި އިތުރުވުމުގެ މައްސަލަ ބޮޑުވެފައިވާ ގައުމެކެވެ.
މިދިޔަ މަހު ސަރުކާރުން ވަނީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓައިލާފައެވެ. އެހެން ހެދުމުން ހޯލްސޭލް ކުރާއިރު ދެ ރުފިޔާގެ ފީއެއް ދެން ނުނަގާނެއެވެ. ނަމަވެސް އެހެން ހެދުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް، ކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ބިލުގައި ފާހަގަކޮށްފައިވެއެވެ.