ސީރިއަލް ޕެކެޓުތަކެއްގައި 3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ 6 ބިދޭސީއަކު ހައްޔަރުކޮށްފި

ހަ މީހުންގެ އަތުން ހޯދި ފައިސާ: ފައިސާގެ މިންވަރު ތިން މިލިއަން ރުފިޔާއާ އެއްވަރު -- ފޮޓޯ/ ފުލުހުން

ޔޭޔޭ ބްރޭންޑުގެ ސީރިއަލް ޕެކެޓުތަކެއްގައި 3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ ހަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކަމަށް ޚާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ އެއާޕޯޓުގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އެ އޮޕަރޭޝަނުގައި، އެއާޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި ބަންގްލަދޭޝްގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. އަދި، ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29އަށް އަރާކަން އެ މުއައްސަސާއިން ހާމަކުރިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ހަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ބޭރު ފައިސާ ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ ހޯމަ ދުވަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ކަންމަތީ ފިހާރަތައް ހުޅުވައި، އެ ތަންތަނަކީ ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ބިދޭސީން ހިންގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/227466

އިހުސާން އޭރު ވިދާޅުވީ، ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރަމުންދާ 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް