ޚާއްސަ ހޮޓްލައިނަށް ލިބުނު ރިޕޯޓަކާ ގުޅިގެން، ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ބަންދުކޮށްފި

ހައްޔަރުކުރި ދެ މީހުން: އެ ދެ މީހުންނަށް ކުރަނީ ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތު -- ފޮޓޯ/ ފުލުހުން

ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، ހޮޓްލައިނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކު ވަނީ އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދާއި އަބޫ ތާހިރެވެ. އޭގެ ތެރެއިން އެމްޑީ މަސްއޫދު ބަންދުކުރީ ހުކުރު ދުވަހު ކަމަށްވާއިރު އަބޫ ތާހިރު ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން އެ މައުލޫމާތު ހާމަކުރިއިރު، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ކަންމަތީ ފިހާރަތައް ހުޅުވައި، އެ ތަންތަނަކީ ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ބިދޭސީން ހިންގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވަނީ ވިދާޅުވެފައެވެ.

https://sun.mv/227436

އިހުސާން ވިދާޅުވީ، ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރަމުންދާ 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ނުވަ މީހަކު މިހާރު ތިބީ ޑިޓެންޝަނުގައި ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް