ޓެކްނިކަލް މައްސަލައެއް ދިމާވެ، އިންޑިއާގެ ކޮޗިން އިން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓް ޑިލޭވުމުގެ ސަބަބުން އެ ތަނުގައި ތާށިވެފައި ތިބި ދިވެހިން މިއަދު ރާއްޖެ ގެނެސްފިއެވެ.
އިއްޔެ ކޮޗިން އިން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ މޯލްޑިވިއަންގެ އެއާބަސް އޭ320 މަރުކާގެ ބޯޓެކެވެ. ނަމަވެސް އެ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފްލައިޓް ވަނީ ކެންސަލް ކުރަން ޖެހިފައެވެ. ބޯޓަށް ދިމާވީ ސީދާ ކޮން މައްސަލައެއް ކަމެއް މޯލްޑިވިއަން އިން ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން އިން 'ސަން' އަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނީގެ އޭ320 މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިއްޔެ ކޮޗިން/މާލެ ފްލައިޓް ޑިލޭވެފައިވާ ކަމަށާއި ނަމަވެސް ޑެލޭކުރަން ޖެހުނު މަތިންދާބޯޓުގައި މިއަދު މެންދުރުފަހު ކޮޗިންގައި ނާދެވިފައި ތިބި ހުރިހާ ފަސިންޖަރުން މިހާރު ރާއްޖެ ގެނެސްދެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އޭ320 މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިއްޔެ ކޮޗިން/މާލެ ފްލައިޓް ޑިލޭކުރަން ޖެހުނު. ނަމަވެސް އޭ320 މަތިންދާބޯޓުގައި މިއަދު މެންދުރުފަހު ހުރިހާ ފަސިންޖަރުން މިހާރު ވަނީ މާލެ ގެނެސްދެވިފަ،" މޯލްޑިވިއަނުން 'ސަން' އަށް ބުންޏެވެ.
ދިވެހިރާއްޖެއާއި އިންޑިއާގެ ކޮޗިންއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ކުރެވެމުންދާއިރު، މިއީ ދިވެހިންގެ މެދުގައި ސިއްހީ ފަރުވާއަށާއި، ވިޔަފާރި އަދި ޗުއްޓީ ހޭދަކުރުމަށް ވަރަށް މަގުބޫލު މަންޒިލެކެވެ. މޯލްޑިވިއަން އިން ކޮޗިންއަށް އެންމެ ފުރަތަމަ ސީދާ ދަތުރުތައް ފަށާފައިވަނީ 28 އޮކްޓޯބަރު 2019 ގައެވެ.
ރާއްޖެއާއި ކޮޗިންއާ ދެމެދު ސީދާ ފްލައިޓްތައް އޮޕަރޭޓް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން އިންޑިއާގެ އިންޑިގޯ އެއާލައިނުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް ގާތްގަނޑަކަށް ދޮޅު ގަޑިއިރު ނަގާއިރު، މޯލްޑިވިއަން އިން މި ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.