ނިމިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 92 ޕަސެންޓް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހައުސިން މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 641 ބިމެއްގެ ރަޖިސްޓްރީ ވަނީ ދޫކޮށްފައެވެ. އަދި 603 ބިން ހަވާލުކޮށް ނިމިފައިވާއިރު، އެއީ ދޫކުރަން ނިންމައިފައިވާ ގޯތިތަކުގެ 86 ޕަސެންޓްކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.
ހައުސިން މިނިސްޓްރީން ވަނީ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމުން، އެ މީހަކަށް ލިބިފައިވާ ބިމުގެ ސަރަހައްދު ސާފުކޮށް، ބިމުގެ އިން ވަކިކުރުމަށްފަހު ބިމާ ހަވާލުވުމަށް ދިޔުމަށް މިނިސްޓްރީން އަންގާނެ ކަމަށް ބުނެފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި, ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން އޭރު ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އަލުން މިދިޔަ ނޮވެންބަރު ދިހައެއްގައި ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.
އެ ސަރަހައްދު ހިއްކާ ނިމިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ، މިދިޔަ ޖަނަވަރީ 25ގައެވެ. އެއަށްފަހު، ތިންވަނަ ފިޔަވަހިން ބިން ހަވާލު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ މާރިޗު މަހުގައެވެ.