ބާބު އަލް މަންދަބާއި ރަތް ކަނޑުގެ އިތުރުން ގަލްފް އޮފް އަދާން (ޚަލީޖް އަދުން) އިން ދަތުރުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް، ސައުދީ އަރަބިއްޔާއާއި އިތުރު 13 ގައުމެއް ގުޅިގެން އުފެއްދި ކަނޑުގެ އަސްކަރީ އިއްތިހާދުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
އެ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިއްތިހާދުގައި ރާއްޖޭން ބައިވެރިވުމަށްޓަކައި އެ ކޯލިޝަންގެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީއެވެ.
https://x.com/MoFAmv/status/2100240824219091405
ސައުދީ އަރަބިއްޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް އެލަޔަންސް" ގެ ނަމުގައި އުފެއްދި މި ކޯލިޝަނަކީ ކަނޑުއޮޅިތައް ދިފާއުކުރުން ހުރިހާ ގައުމަކުން ގުޅިގެން ހަރުދަނާކުރުމުގެ އޮނިގަނޑެކެވެ.
މި ތިން ކަނޑުއޮޅިއަކީ އިންޑިއާ ކަނޑާއި މެޑިޓެރޭނިއަން ކަނޑާ ގުޅުވައިދޭ މުހިންމު ކޯރިޑޯއެއް ކަމަށާއި، އަސްކަރީ ކޯލިޝަން އުފެއްދީ އެ ކޯރިޑޯ މެދުވެރިކޮށް ކުރިއަށްދާ ބައިނަލްއަގްވާމީ ވިޔަފާރިއާއި ހަކަތަ ސަޕްލައި ލައިންތައް ރައްކާތެރިކުރުމަށް ކަމަށް ސައުދީން ވަނީ ހާމަކޮށްފައެވެ.
ބާބު އަލް މަންދަބް ކަނޑުއޮޅިއަކީ ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ ގާތްގަނޑަކަށް 10 އިންސައްތައާއި 12 އިންސައްތައާ ދެމެދުގެ އަދަދެއްގެ މުދާ އުފުލާ މުހިންމު މަގެކެވެ. މީގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެތައް މިލިއަން ފީފާއެއްގެ ތެޔޮ ހިމެނެއެވެ. ހޫޘީންގެ ހަމަލާތަކާ ގުޅިގެން ލަންޑަންގެ މެރިން އިންޝުއަރެންސް މާކެޓުން ވަނީ ރަތް ކަނޑުގެ "ހައި ރިސްކް" ޒޯން ސައުދީގެ ޖިއްދާއާއި ޔަންބޫއާ ހަމައަށް ފުޅާކޮށްފައެވެ.
ސައުދީ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، އަލަށް އުފެއްދި ކޯލިޝަންގެ މައި އޮފީސް ހުންނާނީ ސައުދީގައެވެ.