ކަނޑުއޮޅިތައް ރައްކާތެރި ކުރުމަށް ކަނޑުގެ ދިފާއީ އިއްތިހާދު ސައުދީން އިއުލާންކޮށްފި

ޔަމަނުގެ ދެކުނު ޓައިޒް ޕްރޮވިންސްގެ ބާބް އަލް މަންދަބް ކަނޑުއޮޅީގައި އުޅަނދުތައް ދަތުރުކުރަނީ. ފޮޓޯ/އޭއެފްޕީ

ބާބު އަލް މަންދަބާއި ރަތް ކަނޑުގެ އިތުރުން ގަލްފް އޮފް އަދާން (ޚަލީޖް އަދުން) އިން ދަތުރުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް، ސައުދީ އަރަބިއްޔާއާއި އިތުރު 13 ގައުމެއް ގުޅިގެން ކަނޑުގެ އަސްކަރީ ކޯލިޝަނެއް އުފައްދައިފިއެވެ.

ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، “މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް އެލަޔަންސް” ގެ ނަމުގައި އުފެއްދި މި ކޯލިޝަނަކީ ކަނޑުއޮޅިތައް ދިފާއުކުރުން ހުރިހާ ގައުމަކުން ގުޅިގެން ހަރުދަނާކުރުމުގެ އޮނިގަނޑެކެވެ. މި ތިން ކަނޑުއޮޅިއަކީ އިންޑިއާ ކަނޑާއި މެޑިޓެރޭނިއަން ކަނޑާ ގުޅުވައިދޭ މުހިންމު ކޯރިޑޯއެއް ކަމަށާއި، އަސްކަރީ ކޯލިޝަން އުފެއްދީ އެ ކޯރިޑޯ މެދުވެރިކޮށް ކުރިއަށްދާ ބައިނަލްއަގްވާމީ ވިޔަފާރިއާއި ހަކަތަ ސަޕްލައި ލައިންތައް ރައްކާތެރިކުރުމަށް ކަމަށް ސައުދީން ވަނީ ހާމަކޮށްފައެވެ.

މި އިއްތިހާދު އުފެއްދުމަށް ރިޔާޒުގައި ބޭއްވި ބައްދަލުވުމަށް 51 ގައުމަކަށް ދައުވަތު ދިންއިރު، 43 ގައުމެއްގެ މަންދޫބުން ބައިވެރިވި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. ސައުދީއަކީ މި އިއްތިހާދުގެ ފައުންޑިން މެންބަރު ކަމަށްވާއިރު، އިތުރަށް ސޮއިކުރި ގައުމުތަކުގެ ތެރޭގައި ތުރުކީ، ކުވޭތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫޓީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން، ސޫދާން އަދި ކޮމޮރޯސް ހިމެނެއެވެ.

ސައުދީ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން - އީޔޫ) ގެ ވަފުދެއްވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ. އީޔޫއިން މިހާރުވެސް އަންނަނީ ރަތް ކަނޑު ރައްކާތެރިކުރުމަށް “އެސްޕިޑެސް” ގެ ނަމުގައި އަސްކަރީ މިޝަނެއް ހިންގަމުންނެވެ.

އީރާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން އެއްގޮތް މަގުސަދުތަކެއް ގެންގުޅުނު ނަމަވެސް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި އޮމާނުން މި އެއްބަސްވުމުގައި ސޮއިކޮށްފައެއް ނުވެއެވެ. ސައުދީ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، އެހެން ގައުމުތަކުން ގައުމީ އިޖުރާއަތްތައް ނިންމުމަށްފަހު ކޯލިޝަންގެ ޗާޓަރުގައި ބައިވެރިވުމުގެ ދޮރު އަދިވެސް ހުޅުވިފައި އޮތް ކަމަށެވެ.

ސައުދީން މި ފިޔަވަޅު އަޅާނެކަން އިއުލާންކޮށްފައިވަނީ، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، ރައްދުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ހަކަތައިގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު އުފުލި، ދުނިޔޭގެ އިގްތިސާދަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

މި ހާލަތުގައި ސައުދީން އަންނަނީ އެ ގައުމުގެ އިރުމަތީގައި ހުރި ތެޔޮ ރިފައިނަރީތަކުން ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫ ޓާމިނަލަށް ހޮޅި މެދުވެރިކޮށް ތެޔޮ ފޮނުވައިގެން އެކްސްޕޯޓުކުރަމުންނެވެ. ނަމަވެސް، ދާދި ފަހުން ހާލަތު ގޯސްވެ، އީރާނުގެ ތާއީދު އޮންނަ ޔަމަނުގެ ހޫޘީން ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު ސައުދީއާ ދެކޮޅަށް ކަނޑުމަގުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި ރަތް ކަނޑުން ދަތުރުކުރަން އުޅުނު ސައުދީގެ ދެ ތެޔޮ ޓޭންކަރަކަށް ހޫޘީން ހަމަލާދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބާބު އަލް މަންދަބް ކަނޑުއޮޅިއަކީ ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ ގާތްގަނޑަކަށް 10 އިންސައްތައާއި 12 އިންސައްތައާ ދެމެދުގެ އަދަދެއްގެ މުދާ އުފުލާ މުހިންމު މަގެކެވެ. މީގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެތައް މިލިއަން ފީފާއެއްގެ ތެޔޮ ހިމެނެއެވެ. ހޫޘީންގެ ހަމަލާތަކާ ގުޅިގެން ލަންޑަންގެ މެރިން އިންޝުއަރެންސް މާކެޓުން ވަނީ ރަތް ކަނޑުގެ “ހައި ރިސްކް” ޒޯން ސައުދީގެ ޖިއްދާއާއި ޔަންބޫއާ ހަމައަށް ފުޅާކޮށްފައެވެ. ސައުދީ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، އަލަށް އުފެއްދި ކޯލިޝަންގެ މައި އޮފީސް ހުންނާނީ ސައުދީގައެވެ. ނަމަވެސް އޮފީސް ގާއިމުކުރާނެ ސީދާ ރަށެއް ނުވަތަ އިމާރާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ކޯލިޝަންގެ އަމަލީ މަސައްކަތްތައް ފަށާނެ ވަކި ތާރީޚެއްވެސް ސައުދީން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް