ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު ޖެންޑާގެ ދަށަށް ގެންގޮސްފި

ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (ޖެންޑާ މިނިސްޓްރީ) ގެ ބެލުމުގެ ދަށަށް ގެންދިއުން... ފޮޓޯ/ ގދ. އަތޮޅު ޕޮލިސް

ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (ޖެންޑާ މިނިސްޓްރީ) ގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މީހާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނާއި، އެ ރަށު ކައުންސިލް އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގުޅިގެން ކުރެވުނު މަސައްކަތުން މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

ގދ. އަތޮޅު ޕޮލިހުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ، އުމުރުން ދުވަސްވެ ގައިބާރު ދެރަވެ ނިކަމެތި ހާލުގައި އުޅުނު އެ މީހާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން، އެފަރާތުގެ ހާލަތު ދުވަހުން ދުވަހަށް ވަރަށް ގާތުން ބަލައި މޮނީޓާކުރުމުގެ މަސައްކަތް ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކޮށްފައިވާ ކަމަށެވެ.

އަދި މިނިސްޓްރީއާ ހަވާލުކުރުމާ ހަމައަށް އެ ފަރާތުގެ ކެއިންބުއިމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ފަރާތުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅޭގޮތުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް މުޙައްމަދު ސޮބާހު ވިދާޅުވީ، އެމީހާ އެ ހާލުގައި އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށާއި އޭނާގެ ސިއްހީ ހާލަތުވެސް ރަނގަޅު ނޫން ކަމަށެވެ.

"އެމީހާގެ އުމުުރު ލަފާކުރެވޭ ގޮތުން އުޅޭނީ 70 އިން މަތީގަ. ދެން އޭނާ އެކަނި އެއް ގެއެއްގައި އުޅެނީ. ދެން ސިއްޚީ ހާލަތު ވެސް އެހާ ރަނގަޅު ނޫން ވީމަ އެކަނި އުޅެން ވެސް ދަތިވެފަ ހުރީ. ދެން ކައުންސިލުން ދޭން ޖެހުނު ކޮންމެ އެހީތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދެމުން ދިޔައީ ޖެންޑާގެ ދަށަށް ގެންދަންދެން،" ސޮބާހު ވިދާޅުވިއެވެ.

ނަން ހާމަ ނުކުރުމަށް އެދި އެ ރަށުން "ސަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އުމުރުން ދުވަސް ވި އެ މީހާ އެހާލުގައި އުޅޭތާ ވަރަށް ދުވަސް ވެފައިވާ ކަމަށާއި، އޭނާގެ ދަރިން ވެސް އަދި އާއިލާ މީހުން ވެސް ތިބި ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް މީހެއްގެ އެހީތެރިކަމެއް އެ ބޭބެއަށް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅީގެން ގެންޑާ މިނިސްޓްރީގެ ބަހެއް ލިބޭތޯ ވެސް "ސަން" ގެ ނޫސްވެރިން ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ޖެންޑާ މިނިސްޓްރީން ފޯނަށް ޖަވާބު ނުދޭތީ އެ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް