ގަޑިއެއްހާއިރު ތެރޭ މާލެއާއި ހުޅުމާލެއަށް އަލުން ކަރަންޓު ދީފި

މާލޭގެ މަގުމަތީގައި މީހުން: ގަޑިއެއްހާއިރު ތެރޭ މާލެއާއި ހުޅުމާލެއަށް އަލުން ވަނީ ކަރަންޓު ދީފައި --ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ފަހުން ގަޑިއެއްހާއިރު ތެރޭ މާލެއާއި ހުޅުމާލެއަށް އަލުން ކަރަންޓު ދީފިއެވެ.

މިއަދު 14:14ގައި ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި، ދިމާވި މައްސަލަ ދެނެގަނެ، ހައްލުކުރުމުގެ މަސައްކަތް ކުރާ ކަމަށް އޭރު ސްޓެލްކޯއިން ބުންޏެވެ.

ފަނަރަ ވަރަކަށް މިނެޓު ތެރޭ ސްޓެލްކޯއިން ވަނީ، މައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފަށާފައިވާކަން ހާމަކޮށްފައެވެ.

https://sun.mv/227557

އޭގެފަހުން، 14:55ގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، މާލެއާއި ހުލުމާލެއިން ޓްރިޕްވި ހުރިހާ ފީޑަރުތަކެއް އަލުން ޖައްސައި، ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ޚިދުމަތް ނުލިބިވާނަމަ ކޮންޓެކްޓް ސެންޓަރު 1545އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވި އަހަރުތަކުގައި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ. އެގޮތުން ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑި 'ބްލެކްއައުޓް'އަކަށް ދިޔުމާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅޭ ޓަވަރުތަކުން ކަރަންޓު ކެނޑި ގިނައިރު ވުމުގެ މައްސަލަތައް ހިމެނެއެވެ.

ސްޓެލްކޯއިން އަންނަނީ، މާލެ ސަރަހައްދުގައި ކަރަންޓުގެ ޑިމާންޑް ބޮޑުވަމުން އަންނަ މިންވަރާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނަމުންނެވެ.

comment ކޮމެންޓް