ވެރިރަށް މާލެއާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ދިމާވި މައްސަލަ ދެނެގަނެ، ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސޯޝަލް މީޑިއާގައި 14:00ހާއިރުން ފެށިގެން ބައެއް މީހުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނަމުންނެވެ. އެގޮތުން މާލޭގެ ހެންވޭރާއި މާފަންނުގެ އިތުރުން، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް އެކި މީހުން ބުނެފައިވެއެވެ.
މާލޭގެ އާބާދީ އެކަނިވެސް ދެ ލައްކައަށް އަރާއިރު، ކަރަންޓު ކެނޑުމުން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވި އަހަރުތަކުގައި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ. އެގޮތުން ހުރިހާ ސަރަހައްދުން ކަރަންޓު ކެނޑި 'ބްލެކްއައުޓް'އަކަށް ދިޔުމާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅޭ ޓަވަރުތަކުން ކަރަންޓު ކެނޑި ގިނައިރު ވުމުގެ މައްސަލަތައް ހިމެނެއެވެ.
ސްޓެލްކޯއިން އަންނަނީ، މާލެ ސަރަހައްދުގައި ކަރަންޓުގެ ޑިމާންޑް ބޮޑުވަމުން އަންނަ މިންވަރާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނަމުންނެވެ.