އަންނަ މަހުން ފެށިގެން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތައް އެ މަނިކުފާނަށް ވެސް ލިބެމުން އަންނަ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ލާޒިމުކުރާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 31ގައެވެ. އެ އިސްލާހުގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތް ހިމަނައިފައެވެ.
އޭގެ އިތުރުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ޚިދުމަތްތަކުން ޚިދުމަތްދޭތާ ތިން ދުވަހުގެ ތެރޭ ޓެކްސް އިންވޮއިސް ތައްޔާރުކުރަން އެ އިސްލާހުން ލާޒިމްކުރެއެވެ. ސަރުކާރުން ވަނީ އެ އިސްލާހާއެކު ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. މިއީ ކުރިން ރާއްޖޭގައި ޓެކްސް ނަގާ ވިޔަފާރިތަކެއް ނޫނެވެ.
https://twitter.com/MohamedNasheed/status/2100130663878041925
އެހެންނަމަވެސް އެ އިސްލާހު ތަންފީޒުކުރުމަށް ދީފައިވަނީ އެކަށީގެންނުވާ ކުރު މުއްދަތެއްކަން ފަދަ ކަންކަން ފާހަގަކޮށް، ބޭރުގެ ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންޓުން ތަމްސީލްކުރާ ބައެއް އެސޯސިއޭޝަންތަކުން ވަނީ ދިވެހި ސަރުކާރާއި މީރާގައި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ޔޫރަޕްގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިން އެ މަނިކުފާނަށް ގުޅަމުން އެބަދެއެވެ. އެ ވިޔަފާރިތަކުގެ ކަންބޮޑުވުމަކީ، 40 ޕަސެންޓް މާރުކުރަން ޖެހުމުން، ލޯނަށް ކަނޑައިފައި ޑިވިޑެންޑް ނުވަތަ ކުންފުނީގެ ފައިދާއިން ހިއްސާދާރުންނަށްދޭން އެކަށީގެންވާ މިންވަރެއް ނެތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަދި މިހާރު ވެސް ޖީއެސްޓީގެ ގޮތުގައި ޔޫރަޕްގައި 20 ޕަސެންޓް ދައްކާއިރު އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ވެސް ޓީޖީއެސްޓީ ދައްކާއިރު މީރާއަށް، ރާއްޖެއަށް އޭގެ އިތުރަށް މަތިމައްޗަށް ހަމަ އެ ޓެކްސް ދެއްކުމަކީ ނުކުޅަދާނަ ކަމަށް ވުން [އެއީ ކަންބޮޑުވުމަކީ]" ނަޝީދު ލިޔުއްވާފައިވެއެވެ.
އެއާއެކު އެ މަނިކުފާނު ވަނީ، އެ މައްސަލަތަކަށް ހައްލު ހޯދޭ މަންޒަރު ނުފެންނަ ކަމަށާއި މިއީ ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތްމަތި ކަމުގެ އިންޒާރު ދެއްވާފައެވެ.
ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންޓުން ތަމްސީލްކުރާ އެސޯސިއޭޝަންތަކުން ވަނީ، މި އިސްލާހު ތަންފީޒުކުރުމުގެ ތާވަލު އަލުން މުރާޖައާކޮށް، އައު މާއްދާތަކަށް އަމަލުކުރުން އަންނަ އަހަރަށް ފަސްކޮށްދިނުމަށް ސަރުކާރާއި މީރާގައި އެދިފައެވެ.
ޔޫރަޕަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް ކަމަށްވާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި އިޓަލީއާއި ޖަރުމަނާއި ފްރާންސާއި ސްޕެއިން ހިމެނެއެވެ.