ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހުމުން މަޑުނުކޮށް ދިޔަ މީހާގެ އަތުން ބަނގުރާ ފެނުމުން ހައްޔަރުކޮށްފި

ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހުމުން މަޑުނުކޮށް ދިޔަ މީހާ: އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ. --- ފޮޓޯ: ފުލުހުން

ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހުމުން ވެސް މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށް ބަލާ ފާސްކުރުމުން ބަނގުރާ ދަޅުތަކެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ ރޭގެ 19:10 އެހައިކަންހާއިރު ހުޅުމާލެ ފޭސް ދޭއްގެ ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމުން ވެސް މަޑުނުކޮށް ގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެމީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން އޭނާ ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކޮށްފައިވާ ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ، ނެސްޓް، އުމުރުން 26 އަހަރުގެ ޣުފްރާން ޚާލިދު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބަނގުރަލާއެކު ހުޅުމާލެއިން މީހުން އަތުލައިގަތުމަކީ މި ފަހަކަށް އައިސް އާންމުވެފައިވާ މައްސަލައެކެވެ. އަދި ބަނގުރަލުގެ މިފަދަ މައްސަލަތަކުގައި ހުޅުމާލެއިން ގިނައިން ހައްޔަރުކުރަނީ ބިދޭސީންނެވެ.

comment ކޮމެންޓް