ވިޔަފާރި ވިސާގައި ވަންނަ ބިދޭސީންނަށް ރާއްޖޭގައި ތިބެ ވޯކް ވިސާއަށް ދެން ބަދަލުނުވެވޭނެ

ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން: ވިޔަފާރި ވިޒާއާއި ޚާއްސަ ވިޒާގައި ވަންނަ ބިދޭސީންނަށް ރާއްޖޭގައި ތިބެގެން ވޯކް ވިސާއަށް ދެން ބަދަލުނުވެވޭނެ --- ފޮޓޯ: އިމިގްރޭޝަން

މިއަދުން ފެށިގެން، ވިޔަފާރި ވިސާއާއި ޚާއްސަ ވިސާގައި ރާއްޖެ އަންނަ ބިދޭސީންނަށް ރާއްޖޭގައި ތިބެގެން ވޯކް ވިސާއަށް ބަދަލުނުވެވޭ ގޮތް ހަދައިފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ، ވިޔަފާރީގެ ހުއްދަ ހޯދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ނަހަމަގޮތުގައި ވިޔަފާރި ވިސާ ބޭނުންކޮށްގެން ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށްފަހު ވޯކް ވިސާއަށް ބަދަލުކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވިޔަފާރި ވިސާއަކީ ވިޔަފާރީގެ ކަންކަމާ ގުޅިގެން ކުރު މުއްދަތަކަށް ރާއްޖޭން ބޭރުން ފަންނީ ފަރާތްތައް ގެންނަންޖެހޭ ހާލަތްތަކުގައި ދޫކުރާ ވިސާއެއް ކަމަށް، މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އެ އިއުލާނުގައިވާ ގޮތުން، ވިޔަފާރި ވިސާއާއި ޚާއްސަ ވިސާގައި ރާއްޖެ އެތެރެވާ ބިދޭސީންނަށް މިއަދުން ފެށިގެން ވޯކް ވިސާއަށް ދެން ބަދަލެއް ނުވެވޭނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކުރާއިރު، އެ މީހުންގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ މީހުން މަދެއް ނޫނެވެ. އެހެންވެ، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް މިދިޔަ އޮގަސްޓު މަހު 25ގައި ގެނައި އިސްލާހެއްގައި ވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބެންކު އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފައެވެ.

comment ކޮމެންޓް