ތިމަރަފުށީ ޓެރަރިޒަމްގެ މައްސަލަ: މިނިވަންވި މީހުންނަށް މޮނިކޮން އަމުރު ނެރެދޭން އެދިއްޖެ

ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން: އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ މިނިވަންވެފައި -- ފޮޓޯ/ ފުލުހުން

މީގެ ފަސް އަހަރު ކުރިން، ތ. ތިމަރަފުށީގައި އިސްލާމް ދީނާ ދުރު، ހަރުކަށި ފިކުރު އާލާކޮށް، ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން މިނިވަންވުމުން، އެ މީހުންނަށް މޮނިކޮން އަމުރު ނެރެދޭން ހޯމް މިނިސްޓްރީން ހައިކޯޓުގައި އެދިއްޖެއެވެ.

ތިމަރަފުށީގައި އޮޕަރޭޓްކުރި އައިއެސްއަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ދިވެހިރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވިކަމަށް ބުނާ މައްސަލައިގައި، 2021 ވަނަ އަހަރުގެ ތެރޭގައި ތިމަރަފުށިން އަށް މީހުން ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާތަކެއް ކުރިއެވެ.

އެ އަށް މީހުންގެ ތެރެއިން ހަ މީހުންނަކީ ތިމަރަފުށީ މީހުންނެވެ. އެއީ، އަލީ މުނީޒު، މުހައްމަދު އާސިރު، އަބްދުﷲ ޝަރީފް، އަހުސަން މުހައްމަދު، އަބްދުﷲ އިމާދު، ޝަމާހު ޝަރީފްއެވެ. ބާކީ ތިބި ދެ މީހުންނަކީ، ނ. ކުޑަފަރީ އިބްރާހިމް ލޫތާއި ރ. ކަނދޮޅުދޫ, އަލީ އަރުހަމް މުހައްމަދެވެ.

އޭގެ ތެރެއިން ދައުވާތައް ސާބިތުވީ ޢަބްދުالله ޢިމާދާއި، ޢަލީ މުނީޒާއި އިބްރާހީމް ލޫތާއި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށެވެ. ނަމަވެސް ހުކުމްކުރިއިރު، ބަންދުގައި ހޭދަ ކުރި މުއްދަތު އުނިކުރުމުން، އަރުޙަމް ފިޔަވައި ދެން ތިބި ތިން މީހުން މިނިވަންވީއެވެ.

އެހެންވެ، ޓެރަރިޒަމްގެ މައްސަލަތަކާއި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ނެރެވޭ މޮނީޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު، އެ މައްސަލައިގައި މިނިވަންވި މީހުންގެ މައްޗަށް ނެރެ ދިނުމަށް ހޯމް މިނިސްޓްރީން ހައިކޯޓަށް ހުށަހަޅައިފައިވާ ކަމަށް "ސަން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެހެންނަމަވެސް، އެކަމާ ގުޅޭ ގޮތުން މިހާތަނަށް ހައިކޯޓުގެ ބަހެއް ލިބިފައިނުވެއެވެ. އަދި އެފަދަ އަމުރެއް ނެރެފައިވާ ކަމަށް ފުލުހުން ވެސް ކަށަވަރުކޮށްދީފައިނުވެއެވެ.

https://sun.mv/228782

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަނީ، އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ފެންނަ މީހުންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

އެފަދަ އަމުރެއް ކޯޓުން ނެރެފިނަމަ، އެ އަމުރެއް ތަންފީޒު ކުރާނީ ފުލުހުންކަން ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މޮނިކޮން އަމުރެއްގެ މުއްދަތަކީ އެއް އަހަރު ކަމަށް ލިޔެފައިވާއިރު، މުއްދަތު އިތުރުކުރަންޖެހޭ ކަމަށް ގަބޫލު ކުރެވިއްޖެނަމަ، އިތުރު އެއް އަހަރަށް އެ އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅޭނެކަން ވެސް ގާނޫނުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް