ކަންމަތީ ފިހާރަތައް ހަދައިގެން ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރުމުގެ މަސައްކަތް ބިދޭސީން ކުރޭ: އިހުސާން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިޙްސާން -- ފޮޓޯ: ރައީސް އޮފިސް

ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ކަންމަތީ ފިހާރަތައް ހުޅުވައި، އެ ތަންތަނަކީ ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ބިދޭސީން ހިންގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރަމުންދާ 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ނުވަ މީހަކު މިހާރު ތިބީ ޑިޓެންޝަނުގައި ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ބިދޭސީން މުސާރަ ލިބުމުން އެ ފައިސާ ދިވެހިންގެ ނަމުގައި ހުންނަ ވިޔަފާރި އެކައުންޓުތަކަށް ޖަމާކޮށް، ކޮންމެ ދުވަހަކު ޑޮލަރަށް ބަދަލުކުރަމުންދާ ކަމަށެވެ. އަދި އެ ޑޮލަރުތައް އެއްކޮށްގެން ރާއްޖެއިން ބޭރަށް ސްމަގުލް ކުރަން އުޅެނިކޮށް ބޯޑަރުން އަތުލައިގަނެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

https://sun.mv/227432

މީގެ އިތުރުން ބޮޑެތި އަދަދުތަކުން ޓީޓީ ހައްދާ ބައެއް ފަރާތްތަކުން އެކަން ނަހަމަ ގޮތުގައި ބޭނުންކޮށް، ވިޔަފާރިއާއި ބިދޭސީންގެ މުސާރަ ފޮނުވުމަށް އެ ރޫޓް ބޭނުންކުރާތީ އެ މައްސަލަވެސް ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ، ކަންމަތީ ފިހާރަތައް ހަދާފައި އެ ފިހާރަތަކަކީ ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ބިދޭސީން ހިންގަމުން ދާ ތަން. އެއީ، މުސާރަ ލިބުނީމަ އެ މުސާރަތައް އެނާ ޖަމާކުރޭ ދިވެހި މީހެއްގެ ނަމުގައި ހުންނަ ވިޔަފާރި އެކައުންޓުތަކަށް، އެގޮތަށް އެކަން ކޮށްފަ އޭގެ ޑޮލަރު ކޮންމެ ދުވަހަކު ނަގަމުން އެ ޑޮލަރަށް ކޮންވާޓް ކުރަމުން، އެ ޑޮލަރުތައް އެއްކޮށްގެން ސްމަގުލް ކޮށްގެން ނުވަތަ ފޮރުވައިގެން ބޭރަށް ގެންދާއިރުގައި ބޯޑަރުން އެބަ އަތުލައިގަނެވޭ." މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ބިދޭސީން ޑިޓެންޝަނަށް ގެންދިއުމުން އެއީ ގޭގައި ގެންގުޅޭ ކައްކާއެއް ނުވަތަ ޑްރައިވަރެއް ކަމަށް ބުނެ ދިވެހިން އަންނަ އައުން ހުއްޓާލަން ޖެހޭ ކަމަށާއި، ބިދޭސީ މީހާއަށް އިހުމާލުވާ ކޮންމެ ދިވެއްސަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިފަދަ ބޮޑެތި ޖިނާއީ ކުށްތަކުގައި ދިވެހިން ބައިވެރިނުވުމަށް އިލްތިމާސްކުރައްވަމުން، ދިވެހިންގެ ނިވާފަތްގަނޑުގައި މިފަދަ ކަންކަން ހިންގާ ނަމަ އެ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓަރު ދެއްވިއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 31ގައެވެ.

އެ އިސްލާހުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެ ގޮތުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15 މިލިއަނުން 25 މިލިއަން ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ގާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް، ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިޚުތިޔާރު އެ ގާނޫނުން ވަނީ އުނިކޮށްފައެވެ.

ގެސްޓްހައުސް ހިމެނޭ ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް