ޕްރޮސެކިއުޓަރުން ތަމްރީނުކުރުމާއި ދެ ގައުމުން ގުޅިގެން ދިރާސާތައް ހެދުމާ ގުޅޭ ގޮތުން ޗައިނާގެ އެންމެ އިސް ޕްރޮސެކިއުޝަން އިދާރާ، ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓް (އެސްޕީޕީ) އާއި ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އެސްޕީޕީގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ޔިންގް ޔޮންގް އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެ ގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލުން ވަނީ ރަސްމީ މަޝްވަރާތަކެއް ބާއްވާފައެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލީ ޕްރޮސިކިއުޝަންގެ ދާއިރާ ޑިޖިޓަލްކުރުމަށާއި، ޖިނާއީ އަދުލުގެ ނިޒާމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އަދި ދެ އޮފީހުގެ ދެމެދުގައި މިހާރު އޮތް ގާތް ގުޅުން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ މެދު ވެސް ވާހަކަދެއްކެވިއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ޕްރޮފެޝަނަލް ތަމްރީނުތައް ދިނުމަށާއި، ގުޅިގެން ދިރާސާތައް ކުރުމަށް ޕްރޮސިކިއުޓަރުން ފޮނުވުމުގެ އޮނިގަނޑެއް އެކުލަވާލާނެއެވެ. މީގެ އިތުރުން، ދެ ފަރާތުން އެއްބަސްވާ އެހެނިހެން ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބަދަލުކުރެވޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މާއްދާތައް ވެސް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.
ދެ އިދާރާގެ މަޝްވަރާތައް: ޕްރޮސިކިއުޝަންގެ ދާއިރާ ޑިޖިޓަލްކުރުމާ ގުޅޭ މަޝްވަރާތައް ކޮށްފައިވޭ -- ފޮޓޯ/ ޕީޖީ އޮފީސްމި އެއްބަސްވުމަކީ މެއި 2017 ގައި ދެ އޮފީހުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އާކޮށް، އޭގެ ބަދަލުގައި އެކުލަވާލި އެއްބަސްވުމެކެވެ.
ބެއިޖިންގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ދެ ގައުމުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލުންނާއި ދެ އޮފީހުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަހުމޫދު ސަލީމާއި އައިޝަތު މުހައްމަދު ބައިވެރިވެވަޑައިގަތެވެ. ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި، މިއީ ދެ ގައުމުގެ ޕްރޮސެކިއުޝަން އިދާރާތަކުގެ މެދުގައި އަމަލީ ގޮތުން ގުޅުން ބަދަހިކޮށް، ފަންނީ ތަޖުރިބާއާއި މައުލޫމާތު ހިއްސާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޕީޖީ އައްބާސް ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ރަސްމީ ދަތުރުފުޅަކީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ބެއިޖިންގެ އިތުރުން ޗައިނާގެ އެހެން ބައެއް ޕްރޮވިންސްތަކުގެ ޕްރޮސެކިއުޝަން އިދާރާތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.