ދުނިޔޭގެ އެންމެ ބޮޑު މައިކްރޯޗިޕް އުފައްދާ ކުންފުނި އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއަންގްއަކީ ޗައިނާގެ ޖާސޫސީ އިދާރާތަކުގެ އަމާޒެއް ކަމަށް އެމެރިކާގެ ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.
ނަމަވެސް، އެންވީޑިއާގެ ސީއީއޯ ވިދާޅުވެފައިވަނީ ތުހުމަތުކުރެވޭ ކުންފުންޏާއެކު ބޭއްވި ގުޅުންތަކަކީ އާދައިގެ، އާންމު ވިޔަފާރީގެ ގުޅުންތަކެއް ކަމަށެވެ.
ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން، ޗައިނާގެ ރައްޔިތެއް ކަމަށްވާ އެލިސް ހުއަންގް (ހުއަންގް ލެ) ވަނީ ޖެންސެން ހުއަންގްއާ އޮތް ގާތް ގުޅުމުގެ ބޭނުންހިފައި، އެންވީޑިއާގެ ކުރިއަރާފައިވާ އޭއައި ޗިޕްތަކާއި އެކި މަޢުލޫމާތު ބީޖިންއަށް ފޯރުކޮށްދީފައެވެ.
ސިންގަޕޫރުގެ ސާވަރު އަދި ޑޭޓާ ސެންޓަރު ކުންފުނި މެގާސްޕީޑްގެ އިސް ވެރިއެއްގެ ގޮތުގައި ހުރި އެލިސް ހުއަންގްއަކީ ޗައިނާގެ ޖާސޫސީ އޭޖެންޓެއް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ކަނޑައަޅާފައެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ބައިޑަންގެ ވެރިކަމުގެ ފަހުކޮޅު މެގާސްޕީޑް ކުންފުނީގެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. އެއީ އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުން ރެކިގެން ޗައިނާއަށް އެންވީޑިއާގެ އޭއައި ޗިޕްތައް ހޯދައިދިނުމުގައި އެ ކުންފުނިން އެހީތެރިވަމުންދާ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ޖެންސެން ހުއަންގް ވިދާޅުވީ މެގާސްޕީޑްގެ ވެރިންނާއެކު އެންވީޑިއާއިން ބޭއްވި ގުޅުމަކީ ގާނޫނީ ގޮތުން ރަނގަޅު ގުޅުމެއް ކަމަށާއި، މެގާސްޕީޑުން ގާނޫނާ ހިލާފަށް ޗައިނާއަށް އޭއައި ޕްރޮސެސަރުތައް ފޮނުވާފައިނުވާކަން ކުންފުނިން ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް ފޮނުވި ހުރިހާ ޖީޕީޔޫތަކެއް ގުނައި، ބޭނުންކޮށްފައިވާ ގޮތް ދިރާސާކޮށްފައިވާނެ ކަމަށާއި، އެމެރިކާ ސަރުކާރުންވެސް އެކަން ކޮށްފައިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެންސެން ހުއަންގް އިތުރަށް ވިދާޅުވީ އެލިސް ހުއަންގްއާއެކު ބޭއްވުނު ބައްދަލުވުންތަކަކީ ޗައިނާގެ އެހެން ކަސްޓަމަރުންނާއި އެގްޒެކެޓިވުންނާއެކު ބޭއްވޭ އާދައިގެ ބައްދަލުވުންތަކެއް ކަމަށެވެ. އަދި އެލިސް ހުއަންގްއާ މެދު އެމެރިކާ ސަރުކާރުން ތުހުމަތުކުރާ ކަންކަމުގެ މަޢުލޫމާތު އޭނާއަށް ލިބިވަޑައިގެންފައިނުވާ ކަމަށާއި، މިހާރު އެލިސް ހުއަންގް މެގާސްޕީޑް ކުންފުނީގައި މަސައްކަތް ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގެ ޖާސޫސީ މަޢުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މީގެ އަހަރެއްހާ ދުވަސް ކުރިން އަރުވާފައިވީ ނަމަވެސް، އެކަމުގައި އެއްވެސް ފިޔަވަޅެއް ނޭޅުއްވުމަށް އޭނާ ނިންމެވިއެވެ. ޓްރަމްޕް ފިޔަވަޅު ނޭޅުއްވީ އެމެރިކާގެ އިގްތިސާދާއި ސްޓޮކް މާކެޓް ހިފަހައްޓައިދޭ އެންވީޑިއާގެ ވިޔަފާރިއަށް ބުރޫއަރައި، ޗައިނާއާއެކު އޮތް ވިޔަފާރީގެ ގުޅުމަށް ހުރަސްއެޅިދާނެތީ ކަންބޮޑުވެވަޑައިގަންނަވާތީއެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ފެށުމާއެކު، މެގާސްޕީޑްގެ ދުވަހީ ހިންގުމުގައި އެލިސް ހުއަންގް އަދާކުރާ ދައުރު ވަނީ ކުޑަކޮށްފައެވެ. ނަމަވެސް، އެމެރިކާ ސަރުކާރުގެ ބައެއް އިސް ވެރިން ގަބޫލުކުރައްވާ ގޮތުގައި އެލިސް ހުއަންގްއަކީ ޗައިނާގެ ޖާސޫސެއްކަން ޖެންސެން ހުއަންގްއަށް އެނގިވަޑައިގެންފައި ނުވާނެ ކަމާމެދު ޝައްކުތަކެއް ހުރެއެވެ. އަދި ޖެންސެން ހުއަންގްއަކީ ޓްރަމްޕްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށްވާތީ، ޓްރަމްޕްގެ ވިސްނުންފުޅު ހުންނަ ގޮތުގެ މަޢުލޫމާތު ޗައިނާއަށް ލިބިފައިވުމުގެ ނުރައްކާވެސް އޮތް ކަމަށް ރިޕޯޓުގައިވެއެވެ.
އެންވީޑިއާގެ ތަރުޖަމާނު ޖޯން ރިޒޯ ވިދާޅުވީ ޖެންސެން، އެލިސް ހުއަންގްއާއެކު ބޭއްވި ބައްދަލުވުންތަކަކީ އާދަޔާ ހިލާފު ބައްދަލުވުންތަކެއް ނޫން ކަމަށާއި، ކަސްޓަމަރުންނާ ބައްދަލުކުރުމަކީ ސީއީއޯއެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ޖެންސެން ކޮންމެ އަހަރަކުވެސް އެތައްހާސް ކަސްޓަމަރުންގެ އިސްވެރިންނާ ބައްދަލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޯން ރިޒޯ އިތުރަށް ވިދާޅުވީ މެގާސްޕީޑް ފަދަ ކަސްޓަމަރުންނަށް ލިބެނީ އާންމު ވިޔަފާރީގެ މަޢުލޫމާތު ކަމަށާއި، އެންވީޑިއާގެ ސިއްރު ވިޔަފާރީގެ މައުލޫމާތެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި އެއްވެސް މަޢުލޫމާތެއް ނުލިބޭނެ ކަމަށެވެ. އަދި އެންވީޑިއާއިން އަމިއްލައަށް މެގާސްޕީޑް ތަހުގީގުކޮށް، ޗައިނާއަށް ޗިޕްތައް ވަގަށް ފޮނުވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންވީޑިއާއިން ބުނި ގޮތުގައި އެ ކުންފުނީގެ ޗިޕްތައް ވަގަށް ޗައިނާއަށް އެތެރެކުރާ ކަމުގެ އެއްވެސް ހެެއްކެއް ނެތެވެ. އަދި ޗައިނާ ސަރުކާރުން ވަނީ އަމިއްލަ އުފެއްދުންތެރިކަން ހިމާޔަތްކުރުމުގެ ގޮތުން އެމެރިކާގެ އޭއައި ޗިޕްތައް އެ ގައުމަށް އެތެރެކުރުން ކުރިންވެސް މަނާކޮށްފައެވެ.
ވާޝިންގްޓަންގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ ޖާސޫސްކުރި ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެއީ އެމެރިކާއިން ސިޔާސީ ބޭނުމެއްގައި ޗައިނާއާ ދެކޮޅަށް ފަތުރަމުންދާ ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށް ޗައިނާ އެމްބަސީން ބުންޏެވެ.
އެމެރިކާ ސަރުކާރުން 2022 ވަނަ އަހަރުން ފެށިގެން އެންވީޑިއާގެ ކުރިއަރާފައިވާ ސެމީކޮންޑަކްޓަރުތައް ޗައިނާއަށް އެކްސްޕޯޓްކުރުން މަނާކޮށްފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން ވަނީ ގާނޫނާ ހިލާފަށް ބޯޑަރު ހުރަސްކޮށް ޗިޕްތައް އެތެރެކޮށްފައެވެ. އަނެއްބައި ވިޔަފާރިތަކުން ދަނީ ގާނޫނީ ފުރުސަތުގެ ބޭނުންހިފައި، ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގައި ކުންފުނިތައް ހަދައިގެން ގިނަ އަދަދެއްގެ ޗިޕްތައް ހޯދައި، ޑޭޓާ ސެންޓަރުތައް ގާއިމުކޮށް، ޗައިނާގެ ކުންފުނިތަކަށް ކޮމްޕިއުޓޭޝަނަލް ކެޕޭސިޓީ ކުއްޔަށް ދެމުންނެވެ.
މިގޮތަށް ކަންތައް ކުރުމަކީ ގާނޫނީ އުނިކަމެއްގެ ގޮތުގައި އެމެރިކާގެ ގާނޫނު ހަދާ ބައެއް ފަރާތްތަކުން ދެކޭތީ، ބައިޑަންގެ ވެރިކަމުގައި ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް، ޓްރަމްޕްގެ ވެރިކަމުގައި އެ ފިޔަވަޅުތައް ވަނީ އުވާލާފައެވެ. މިހާރު އެމެރިކާ ސަރުކާރުން ދަނީ މެގާސްޕީޑް ފަދަ ބޭރުގެ ޑޭޓާ ސެންޓަރުތަކަށް އަލުން ފިޔަވަޅުތައް ވަރުގަދަކުރުމާމެދު މަޝްވަރާކުރަމުންނެވެ.
2025 ވަނަ އަހަރުގެ ކުރިން، ޖެންސެން ހުއަންގްއަކީ ސިޔާސީ ކަންކަމާ ދުރުގައި އުޅުއްވި ބޭފުޅެކެވެ. ނަމަވެސް، ޗައިނާއަށް އެންވީޑިއާގެ ސެމީކޮންޑަކްޓަރު ފޮނުވުން މަނާކުރަން ޓްރަމްޕްގެ ސަރުކާރުން ވިސްނުމުން، ޖެންސެން ހުއަންގްއާއި އޭނާގެ އަނބިކަނބަލުން ވަނީ ޓްރަމްޕްގެ މާ-އަ-ލާގޯ ރިސޯޓުގައި ބޭއްވި ފަންޑްރެއިޒިން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން، ބީޖިންއާއެކު ވިޔަފާރި ކުރިއަށްގެންދިއުމުގެ ހުއްދަ ދިނުމަށް ރައީސް ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންފައެވެ.
އެންވީޑިއާއިން ވަނީ ޓްރަމްޕްގެ ބޯލްރޫމް ފަންޑަށް މަދުވެގެން 20 މިލިއަން ޑޮލަރު ހަދިޔާކޮށް، އެމެރިކާގެ އުފެއްދުންތެރިކަމަށް 500 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ވައުދުވެފައެވެ. އަދި ވައިޓް ހައުސްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށް ބޭއްވި ރަސްމީ ފަރިއްކޮޅުގައިވެސް ޖެންސެން ހުއަންގް އިންނެވީ އިސް މޭޒުގައެވެ.