ފްރާންސްގެ ޕޮޑްކާސްޓެއްގައި ޗައިނާގެ ކުރީގެ ލީޑަރު މާއޯ އަށް ނިސްބަތްކޮށް، ރެއާލް މެޑްރިޑުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ކިލިއަން އެމްބާޕޭ އަދަބާ ޚިލާފުކޮށް މުހާތަބުކުރި މައްސަލަ ހޫނުވެ އެޓީމުގެ މެޗުތައް ޗައިނާގައި ނުދައްކަން ނިންމައިފިއެވެ.
ޗައިނާ ސަރުކާރުން ހިންގާ މުގޫ ޓީވީން ދަނީ ސްޕެނިޝް ލީގުގެ މެޗުތައް އެ ގައުމަށް ދައްކަމުންނެވެ. ނަމަވެސް އެމްބާޕޭގެ ވާހަކަތަކާއެކު ރެއާލް މެޑްރިޑްގެ މެޗުތައް ނުދައްކަން ވަނީ ނިންމާފަ އެވެ.
ރެއާލް މެޑްރިޑާއި ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓެބާސްގެ ގުޅުން ގޯސްވެފައިވީ ނަމަވެސް މިކަމާ ގުޅިގެން ސްޕެނިޝް ލީގާއި ރެއާލް ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި، އެކުގައި މަސައްކަތްކުރަން ފަށައިފައިވެއެވެ. އެގޮތުން ޓެބާސް އާއި ޗައިނާ ސަފީރުގެ ކުއްލި މަޝްވަރާތަކެއްވެސް ބާއްވާފައިވެއެވެ. އަދި މިކަމާ އިތުރަށް މަޝްވަރާކުރުމަށް ޓެބާސް ވަރަށް އަވަހަށް ޗައިނާ އަށް ޒިޔާރަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ސްޕެނިޝް ލީގުން މަސައްކަތް ކުރަމުންދަނީ ޗައިނާގެ މާކެޓް ގެއްލިއްޖެނަމަ އެ ލީގަށް ލިބިދާނެ މާލީ ގެއްލުންތަކުން ސަމާލަތްވުމަށް ކަމަށް، ދެގައުމުގެ މީޑިއާތަކުންވެސް ރިޕޯޓުކޮށްފައިވެއެވެ.
ޗައިނާގެ ގިނަ ބައެއްގެ އިހުތިރާމް ހޯދާފައިވާ މާއޯ އަކީ 1949 އިން އޭނާ އަވަހާރަވަންދެން 1976އާ ހަމައަށް އެގައުމުގެ ވެރިކަން ކުރެއްވި ލީޑަރެވެ. ޕޮޑްކާސްޓުގައި ފްރާންސްގެ ކެޕްޓަން އެމްބާޕޭ، މާއޯ އަށް ނިސްބަތްކޮށް ބުނީ އެއީ ކޮންމެވެސް މީހެއް ކަމަށާއި އޭނާ އަށް ހީވާގޮތުން އެއީ ޗައިނާގެ ޑިކްޓޭޓަރެއް ކަމަށެވެ.
މި މައްސަލަ ހޫނުވެ ޗައިނާގެ ކުންފުނިތަކުން އެމްބާޕޭއާއެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުންތައް ވެސް ދަނީ އުވާލަމުންނެވެ. މިއާއެކު އެމްބާޕޭ އާއި ރެއާލް މެޑްރިޑް ވެސް ވަނީ މިވާހަކަތަކަށް މައާފަށް އެދިފައެވެ. ނަމަވެސް އެމްބާޕޭގެ މައާފަށް އެދުމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން ގުއޯ ޖައިކުމް ބުނެފައިވަނީ އެކަން ވަރަށް ސީރިއަސްކޮށް ބަދަލުންދާ ކަމަށެވެ. އެކަމަކު ރެއާލް މެޑްރިޑުން މައާފަށް އެދުމުން އެކަން ވަނީ ގަބޫލު ކޮށްފައެވެ. ނަމަވެސް އެމްބާޕޭ ކުޅޭތީވެ ރެއާލްގެ މެޗުތައް ދައްކަން ޗައިނާއިން މިހާރު ބޭނުމެއް ނުވެއެވެ.
އެންމެ ފަހުގެ ދިރާސާތައް ބުނާ ގޮތުން ޗައިނާގައި 2025 ވަނަ އަހަރު ރެއާލް މެޑްރިޑްގެ 97 މިލިއަން ސަޕޯޓަރުން ތިއްބެވެ. އަދި ޗައިނާގެ ކުންފުނިތަކާއި އެ ގައުމުގެ މާކެޓުތައް މެދުވެރިކޮށް ރެއާލަށް 200 މިލއަނެއްހާ ޔޫރޯގެ އާމްދަނީ ލިބެމުންދާ ކަމަށްވެސް ވަނީ އަންދާޒާކޮށްފައި ވެއެވެ.