95 ގެއަކަށް ފެންވަދެ ގެއްލުންވި ފޭދޫގެ ހާލަތު އަންނަނީ ރަނގަޅުވަމުން: ކައުންސިލް

ވާރޭވެހި ފެންބޮޑުވެ، ގެއެއްގެ ތެރޭގައި ފެން ބޮޑުވެފައި: ފޭދޫގައި ފެން ވަދެ ގެއްލުންވި ގެތަކުގެ އަދަދު 95 އަށް ވަނީ އަރާފަ --- ފޮޓޯ: އެންޑީއެމްއޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި 95 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ ރަށުގެ ހާލަތު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ފޭދޫ ކައުންސިލުން މައުލޫމާތު ދީފިއެވެ.

މި ވިއްސާރައިގައި ރާއްޖޭން އެންމެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ރެކޯޑުކުރެވުނު އެއް ރަށަކީ އައްޑޫ ފޭދޫއެވެ.

ފޭދޫ ކައުންސިލުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ހޮނިހިރު އަދި އާދީއްތަ ދުވަހު ވެހުނު ވާރޭގައި 95 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، އޭގެ ތެރެއިން ހަތް ގެއަކަށް ބޮޑެތި ގެއްލުންތައް ވެގެން މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ.

https://sun.mv/227320

އަދި މުޅި ޖުމުލަކޮށް ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ގުޅިގެން އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް ކައުންސިލުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފޭދޫ ކައުންސިލް މެމްބަރު ޒަހާ އަލީ "ސަން" އަށް ވިދާޅުވީ، މިވަގުތު މޫސުން ރަނގަޅުވެ، އަވިދީފައިވާ ކަމަށާއި ނަމަވެސް ފެންވަދެ ގެއްލުން ލިބުނު ގެތަކުގެ ހާލަތު އަދިވެސް ގޯސް ކަމަށެވެ.

https://sun.mv/227379

"ރެކޯޑު ކުރެވިފައިވަނީ 95 ގެއަކަށް ފެންވަތްކަމަށް. ދެން އެއަށްވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެނީ، އެއީ އެބަހުރި ފެން ވަދެގެން ރިޕޯޓު ނުކުރެވި ހުރި ގޭގެ ވެސް. ދެން ފެން ވަދެގެން ގެތަކަށް ލިބުނުް ގެއްލުންތަކުގެ މުޅި ތަފްސީލް އެނގޭނީ އެސެސްމަންޓް ހަދާ ނިމުނުން، ހީވަނީ މިރެއާ ހަމައަށް ނިމޭނެހެން،" ޒަހާ ވިދާޅުވިއެވެ.

މީގެ އިތުރުން ވިއްސާރަވެއްޖެނަމަ ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފޭދޫގެ ފެން ހިންދާ ނިޒާމު ރަނގަޅު ކުރެވިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/227320

އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި، ބޯކޮށް ވާރޭވެހި ފޭދޫގެ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމުން، އެ ގޭގައި ދިރިއުޅޭ އަށް މީހުން ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ. އަދި މަރަދޫގެ ދެ ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާއިރު، ފުވައްމުލަކުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުންޏެވެ.

އެ ރަށުގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފެނަކައާއި ކައުންސިލް އަދި އެހެނިހެން މުއައްސަސާތައް ގުޅިގެން މަސައްކަތް ކޮށްފައިވާއިރު، ފެންބޮޑުވި ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި ކައުންސިލްތަކުން ގުޅިގެން ވަނީ ހަރަކާތްތެރިވެފައެވެ.

comment ކޮމެންޓް