އައްޑޫ ސިޓީގައި ފެން ބޮޑުވާ މައްސަލަ ހައްލުނުވާ ކަމަށާއި މިއަދު އިތުރު ނުވަ ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް، ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށް އިއްޔެ އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
އަދި އޭގެ ތެރެއިން އެއް ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި، ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެ، އެ ގޭގައި ދިރިއުޅޭ އަށް މީހަކު ވަގުތީ ބޯހިޔާވެހިކަމަށް ގެންދިޔަ ކަމަށްވެސް އެ އޮތޯރެޓީއިން ވަނީ ބުނެފައެވެ.
އެ އޮތޯރެޓީއިން މިއަދު ވަނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެފައެވެ. އެގޮތުން މިއަދުގެ މިހާތަނަށް އައްޑޫ ފޭދޫގައި ފެންބޮޑުވެ، ނުވަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެ އޮތޯރެޓީއިން ވަނީ މައުލޫމާތު ދީފައެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާއާ ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ ތިން ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށާއި، އެއް ގެއެއްގައި ދިރިނޫޅެވޭވަރަށް ފެންބޮޑުވުމާއި ގުޅިގެން، އެގޭގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ތިން ދުވަހުގެ މުއްދަތަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
https://x.com/NDMAmv/status/2099067730007830534
އައްޑޫގެ އިތުރުން ފުވައްމުލަކަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާކަން އެ އޮތޯރެޓީއިން ވަނީ ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެރަށު ފެނަކައާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން މިހާރު ކުރަމުންދާކަންވެސް އެ އޮތޯރިޓީއިން ފާހަގަކުރިއެވެ.
މެޓް އޮފީހުން މިއަދުގެ އިރު އޮއްސި 18:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.
ވައިޖެހޭ ބާރުމިނަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދު ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.