އައްޑޫ ސިޓީގެ ލިންކްރޯޑާއި އެހެނިހެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ކުރިއަށް ނުގެންދެވިގެން، އެ މަޝްރޫއު އެހެން ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވެއްޖެއެވެ.
އައްޑޫ ލިންކްރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް 829 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގައެވެ. އެއީ 11 މަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް މި މަޝްރޫއު ހަވާލުކުރިތާ އަހަރެއް ވެގެންދާއިރު ވެސް އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
އެ މަޝްރޫއުގެ ދަށުން ލިންކްރޯޑުގެ 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރުއެޅުމާއި، ފޭދޫގައި ފެންހިންދާ ނިޒާމު ގާއިމްކުރުމުގެ އިތުރުން މަގުމަތީގައި ނިޝާންތައް ހަދައި ބޯޑު ހަރުކުރުން ހިމެނެއެވެ.
ޕީއެންސީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން ހައުންސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، މެޝިނަރީސް ގެނެސްގެން ވެސް އާރްޑީސީއަށް މަސައްކަތް ކުރިއަށްގެންދަން ގޮންޖެހުންތައް ދިމާވެފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުންނަށް އެކަން ނުކުރެވިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އާރްޑީސީއާ ހަވާލުކޮށްގެން މަސައްކަތް ފެށޭތޯ އަޅުގަނޑުމެން ވާނީ މަސައްކަތް ކޮށްފަ. އާރްޑީސީ އޮތް ހާލަތުން އެހާ ފަސޭހަ ކަމަކަށް ނުވި މެޝިނަރީސް ގެނެސްގެންވެސް އެ މަސައްކަތް ކުރިއަށް ގެންދާކަށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނޭ މަގެއް ސީދާ ފަހިވެގެނެއް ނުދިޔަ." މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަޝްރޫއު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެންމެ ލަސްވެގެން އަންނަ ހަފުތާގެ ތެރޭގައި އެހެން ކުންފުންޏަކާ ހަވާލުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް މި މަސައްކަތް ހަވާލުކުރަނީ ކޮން ކުންފުންޏަކާ ކަމެއް އަދި ހާމައެއް ނުކުރެއެވެ.
ސަރުކާރުން މިހާރު ނިންމާފައިވަނީ އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އައްޑޫގެ ލިންކްރޯޑުގެ ބޮޑުބައެއް ހަލާކުވެ، އެ މަގުން ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ އެކަމާ ގުޅިގެން އައްޑޫގެ އާންމުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި އެ ލިންކް ރޯޑު މަރާމާތު ކުރަން ސަރުކާރުން އެކި ފަހަރުމަތިން އެކި ތާރީޚުތައް ދީގެންވެސް މިހާތަނަށް އަމަލީ މަސައްކަތް ފެށިފައިނުވާތީ ސަރުކާރަށް ވެސް އައްޑޫ ރައްޔިތުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުން ކަމަށް މުއްތަލިބު ފާހަގަކުރެއްވި އެވެ.
އެގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ ލިންކްރޯޑުން ހަލާކުވެފައިވާ ބައި ހަތަރު ލޭނަށް ބަދަލުކޮށް ތާރުއަޅައި ނިންމުމަށް ކަމަށާއި، ސައިޑްވޯކްގެ މަސައްކަތް ކުރިއަށްދާނީ އޭގެ ފަހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑަކީ އެ ސިޓީގެ ދިިރިއުޅުމުގެ މައިބަދައެވެ. މި މަގުގެ ހާލަތު ރަނގަޅުކުރުމަކީ ހަމައެކަނި ދަތުރުފަތުރަށް ލިބޭ ފަސޭހައެއް ނޫނެވެ. އެއީ ރައްޔިތުންގެ ސަލާމަތާއި، އިގްތިސާދީ ދިރުމާއި، އަދި އަސާސީ ޚިދުމަތްތައް ހޯދުމަށް އޮތް އެންމެ މުހިންމު މަގެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކުން އެކަކު އަނެކަކަށް އިނގިލި ދިއްކުރުން ހުއްޓާލައި، މިކަމަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައިދިނުމަކީ މިއަދު އައްޑޫ ރައްޔިތުން ކުރަމުންދާ އެންމެ ބޮޑު އުންމީދެވެ.