ޕާކިސްތާނުގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެތެރޭ ހިމެނޭ މާހީރާ ޚާން، އުމުރުން 41 އަހަރުގައި ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފިއެވެ.
ޕާކިސްތާން ޓީވީ ސިލްސިލާ "ހަމްސަފަރް"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ އެކަން އިއުލާނުކޮށްފައިވަނީ، ކެނެޑާގެ ޓޮރޮންޓޯގައި ކުރިއަށްދާ "ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް" (ޓީއައިއެފްއެފް 2026)ގައި ބައިވެރިވަމުންނެވެ. މާހިރާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރި ފޮޓޯއެއްގައި ފެންނަނީ ހުދުކުލައިގެ ގައުންއެއްގައި، އޭނާގެ ބަނޑުގައި އަތްޖައްސާލައިގެން ހުންނަ މަންޒަރެވެ. މި ފޮޓޯއާއެކު މަހީރާ ބުނެފައިވަނީ، އަމިއްލައަށް ކިތަންމެ މޮޅަށް އަދި ރަނގަޅަކަށް ކަންކަން ރޭވިނަމަވެސް، އެންމެ ރަނގަޅު ރޭވުމަކީ މާތްﷲގެ ރޭވުން ކަމަށެވެ.
މިއީ މާހިރާ އަދި އޭނާގެ ދެވަނަ ފިރިމީހާ، ވިޔަފާރިވެރިޔާ ސަލީމް ކަރީމްއަށް ލިބޭ ފުރަތަމަ ދަރިފުޅެވެ. އޮކްޓޯބަރު 2023ގައި ސަލީމްއާ ކައިވެނިކުރި މާހިރާގެ ކުރީގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު އެ ކުއްޖާގެ އުމުރުން މިހާރު 17 އަހަރެވެ.
މާހިރާގެ ކައިވެނީގެ ރަސްމިއްޔާޓުގައި ދަރިފުޅު އަޒްލާން އަދި ފިރިމީހާ ސަލީމް ކަރީމްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާޓޮރޮންޓޯ ފިލްމު ފެސްޓިވަލްގައި މާހިރާ ބައިވެރިވެފައިވަނީ ޚާއްސަ ޕެނަލް ސެޝަނެއް މޮޑަރޭޓްކުރުމަށެވެ. އަދި ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، މިއަހަރުގެ ފެސްޓިވަލްގައި އޭނާއަށް ވަނީ ޝަރަފުވެރި އެވޯޑެއްވެސް އަރުވާފައެވެ. މާހިރާއަކީ 2016 ވަނަ އަހަރު ބޮލީވުޑްގެ މަގުބޫލު އެކްޓަރު ޝާހްރުކް ޚާންއާއެކު "ރައީސް" ފިލްމުން އިންޑިއާގެ ސިނަމާއަށްވެސް ތައާރަފުވި ބަތަލާއެކެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު، މާހިރާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ބިލާލް އާތިފް ޚާން ޑައިރެކްޓްކުރި އުރުދޫ ފިލްމު "އާގު ލަގޭ ބަސްތީ މޭ"އިންނެވެ. މި ފިލްމުގައި އޭނާއާއެކު ލީޑު ރޯލުން ފެނިގެންދިޔައީ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަހަދު މުސްތަފާއެވެ.
މާހިރާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރުމާ އެކު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބައެއްގެ އިތުރުން އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަތަލާއަށް ހެޔޮއެދުންތައް ފޮނުވާފައެވެ.