ރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުންހިފުމަށް ގޮވާލައްވައި، ރާއްޖެއާއެކު ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމުގެ ދައުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާފައި ވަނީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ހަވީރު ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ތަގުރީރުކުރައްވަމުންނެވެ.
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދެގައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިގްތިސޯދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވައުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ދެން ކުރިއަށް އޮތީ 60 އަހަރުގެ ތަނަވަސްކަމާއި ކުރިއެރުން ދެ ގައުމު ގުޅިގެން ހޯދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު: މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026ގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް"...އަޅުގަނޑުމެންނަށް މިވަނީ 60 އަހަރުގެ ގާތް ގުޅުން ވާރުތަވެފައި. ދެން އަޅުގަނޑުމެން ބިނާކުރަންވީ އިތުރު 60 އަހަރުގެ ތަނަވަސްކަމާއި ކުރިއެރުން،" ރައީސް ވިދާޅުވިއެވެ.
އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޖަޒީރާ ގައުމެއްގެ ގައުމީ ސަލާމަތަށްޓަކައި، ހަރުދަނާ ސަޕްލައި ޗެއިނެއް އޮތުމުގެ މުހިންމުކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޯލްޑް ޗެއިން ލޮޖިސްޓިކްސްއާއި ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގުދަންތަކާއި ޒަމާނީ ފެންވަރުގައި ކާބޯތަކެތި ޕްރޮސެސްކުރުމުގެ އިތުރުން މޫސުމާ ރައްޓެހި ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގައި ވުނަކުރުމަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފައެވެ.
މީގެ އިތުރުން ކަނޑުމަގުން ގުޅިފައި އޮންނަ ގުޅުމަކީ އިގްތިސޯދުގެ މައި ނާރެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވަނީ، ސީދާ މިފަދަ ރާސްތާތަކުން ގުޅާލުމަށް ގޮވާލައްވާފައެވެ. އަދި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރުމަށްޓަކައި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށުމަށް އަމާޒު ހިފާފައިވާކަން ވެސް އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ.
މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026ގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް މީގެ އިތުރުން ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ބޭނުންޖެހިފައިވާކަން ފާހަގަކުރައްވައި، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ސާމާނަށް އޮތް ޑިމާންޑް ފުއްދުމަށްޓަކައި، ޕާކިސްތާނުގެ ފާހަގަކޮށްލެވޭ ބޭސް އުފައްދާ ކުންފުނިތަކާއި ސިވެފައެވެ.
ހަމައެއާއެކު، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުގައި ވުނަކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ރާއްޖެއަކީ ހަމައެކަނި މުދާ އެކްސްޕޯޓްކުރާ މަންޒިލެއްގެ ގޮތުގައި ނުދެކި، ބައިނަލްއަގްވާމީ ބޮޑެތި މާކެޓްތަކަށް އުފެއްދުންތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންކުރެވޭނެ މުހިންމު މަންސައެއްގެ ގޮތުގައި ދެކުމަށް އިންވެސްޓަރުންނަށް އިލްތިމާސްކުރައްވާފައެވެ.
މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026ގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް މި ރަސްމިއްޔާތުގެ ތެރެއިން ވަނީ އިކޮނަމިކް މިނިސްޓްރީއާއި ފެޑެރޭޝަން އޮފް ޕާކިސްތާން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފްޕީސީސީއައި) އާދެމެދު އިގްތިސޯދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާބެހޭ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި ފޯރަމްގައި ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއެކު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ވަނީ، މި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދެގައުމުގެ ވިޔަފާރިވެރިންނަށް ވެސް އިލްތިމާސްކުރައްވާފައެވެ.