ރާއްޖޭގެ ކޮންމެ ނަސްރަކާއި ފާގަތިކަމެއްގެ އަސްލަކީ އިސްލާމްދީން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަސްރަކާއި، ގައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅިގެން އެކްސްގައި ލިޔުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައިވާ ގޮތުގައި، ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ މި ގައުމުގެ އިއްޔެއާއި، މިއަދާއި އަދި މާދަމާގެ ވެސް ސަލާމަތާއި ރައްކާތެރިކަން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް ހިދާޔަތާއި އުޖާލާކަން ލިބުނުތާ ނުވަ ގަރުނު ފުރުމުގެ މި މުނާސަބަތުގައި މާތްﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

މީގެ އިތުރުން، ދިވެހި ވަތަނަށް އަބަދުމެ އިތުރު ފާގަތިކަމާއި، އަމާންކަމާއި ސަލާމަތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.

comment ކޮމެންޓް