ދިވެހީން އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ޤަބޫލުކުރިތާ 900 އަހަރު ފުރުމަކީ މި ޤައުމުގެ ތާރީޚުގައި ފާހަގަކުރެވޭނެ އެންމެ ޚާއްޞަ އަދި ޝަރަފުވެރި އެއް މުނާސަބަތެވެ. މިއީ މާތްވެގެންވާ އިސްލާމްދީނުގެ ސަބަބުން އަޅުގަނޑުމެންގެ ކާބަފައިންނަށް ލިބުނު އަމަންއަމާންކަމާއި އިޖުތިމާޢީ އެކުވެރިކަމާއި ދިވެހިއުންމަތަށް ލިބުނު ކުރިއެރުމުގެ ފޮނި މީރުކަން ހަނދާންކޮށްދޭ ދުވަހެކެވެ. މިއަދު އަޅުގަނޑުމެން މި މުނާސަބަތު ފާހަގަކުރާއިރު، މިއީ ހަމައެކަނި މާޒީގެ ވާހަކަތައް ދައްކައި އުފާފާޅުކުރުމުގެ އިތުރަށް، ކުރިމަގަށް ވިސްނުންތެރިކަމާއެކު ފިޔަވަޅުތަކެއް އަޅަންވީ ވަގުތުކަމުގައި އަޅުގަނޑު ދެކެމެވެ.
އިސްލާމްދީނުގެ ހިދާޔަތަކީ ޒަމާނަކަށް، މޫސުމަކަށް ނުވަތަ ވަކި ޙާލަތަކަށް ބަދަލުވާ އެއްޗެއް ނޫނެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ފުރިހަމަ، ޘާބިތު ޝަރީޢަތެވެ. އަދި އެ ދީނުގައި ފުރިހަމައަށް ދިރިއުޅޭނެ ގޮތް އަޅުގަނޑުމެންނަށް ދައްކަވައިދެއްވީ ކައުއިތުރު ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތާއި މަތިވެރި ސީރަތުންނެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ދިރިއުޅުމާއި ޘަޤާފަތާއި ޤައުމިއްޔަތު ބައްޓަންކުރަންޖެހެނީ އެ މާތް އުސޫލުތަކާ އެއްގޮތަށެވެ.
ޤައުމިއްޔަތަކީ ހަމައެކަނި ފޮތްތަކުގައި ލިޔެވިފައި އޮންނަ ޢިބާރާތްތަކެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ އުޅުމާއި ގުޅުމާއި އަޚްލާޤުން ފެންނަންޖެހޭ ޙަޤީޤަތެކެވެ. މިއަދު އަޅުގަނޑުމެންގެ ޢަމަލުތަކާއި އިސްލާމީ އުސޫލުތަކާ ދެމެދު އެއްވެސް ފުށުއެރުމެއް ހުރިތޯ ބަލައި، ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ދެއްކެވި މަގަށް އަޅުގަނޑުމެންގެ ދިރިއުޅުން އެލައިން ކުރެވިފައިވަނީ ކިހާވަރަކަށްތޯ، އެއީ މިފަދަ ތާރީޚީ ދަނޑިވަޅެއްގައި ކޮންމެހެން ކުރަންޖެހޭ ބަހުސެކެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރި، ކުރިއަށް އޮތް 1000 އަހަރު ފުރުމާ ދިމާއަށް އަޅުގަނޑުމެން މިސްރާބު ޖަހާއިރު، ކުރިއަށް އޮތް ސައްތައަށް ޚާއްޞަ ތަސައްވުރެއް (ވިޝަންއެއް) އޮންނަންޖެހެއެވެ. މިގޮތުން، ކޮންމެ 20 އަހަރަކުން ޙާޞިލުކުރާނެ ލަނޑުދަނޑިތަކެއް ކަނޑައަޅައި، ދީނީ ޢަޤީދާ ވަރުގަދަކުރުމަށާއި އިސްލާމީ އަޚްލާޤުގެ މަތީގައި ޖީލުތައް ބިނާކުރުމަށް ދުރުރާސްތާ ޕްލޭނެއް އެކުލަވައިލުން މުހިންމުކަމުގައި ވެސް އަޅުގަނޑު ދެކެމެވެ. މިއީ މުޅި ޤައުމުގެ އެންމެންގެ ބައިވެރިވުމާއެކު ކުރެވެންޖެހޭ މުހިންމު މަސައްކަތެކެވެ.
މި ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި، ދިވެހި ތާރީޚު ދިރާސާކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިންނާއި ޝައިޚުންނާއި ދާޢީންގެ އިތުރުން، ދުނިޔޭގެ ޙާލަތާއި ޙަރަކާތްތައް ދެނެވަޑައިގަންނަވާ ފިކުރީ ޢިލްމުވެރިން ގުޅިގެން މަސައްކަތްކުރަންޖެހެއެވެ. ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި އިސްލާމީ ވަޙްދަތާއި ދިވެހިންގެ އެއްބައިވަންތަކަން ހިމާޔަތްކުރެވޭނީ މިފަދަ ފުން އަދި ޢިލްމީ ވިސްނުންތަކެއްގެ ތެރެއިންނެވެ. މިކަމުގައި އިސްނަންގަވަންޖެހޭނީ ޢިލްމީ ތަޖުރިބާކާރުންގެ ތެރެއިން ކަމުގައި ވެސް އަޅުގަނޑަށް ގަބޫލުކުރެވެއެވެ.
އާދެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ޒިކުރާ އާކުރުމަކީ މާތް ﷲ ދެއްވި މިމަތިވެރި ނިޢުމަތަށް ޝުކުރުވެރިވެ، ކުރިއަށް އޮތް ސައްތައަށް އަޅުގަނޑުމެންގެ ޤައުމިއްޔަތު އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ހަރުދަނާކުރުމަށްޓަކައި ހަރުދަނާ ތަރުތީބަކާ އިންތިޒާމުތައްކޮށް ޢަޒުމް ކަނޑައަޅަންވީ ވަގުތެވެ. އަޅުގަނޑުމެންނަކީ ބުއްދީގެ އަހުލުވެރިން ކަމުގައި ވާތީއެވެ.