މާލޭގައި ފެން ބޮޑުވެ ގޭގެއަށް ފެން ވަންނަނީ؛ މި ސަރަހައްދަށް ރީނދޫ ސަމާލު

މާލޭގައި މިއަދު ފެންބޮޑުވެފައި: މާލެ ސަރަހައްދަށް ރީނދޫ ސަމާލު ވަނީ ނެރެފައި -- ސަން ފޮޓޯ/ އަޙުމަދު އިޔާދު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލޭގައި ފެންބޮޑުވެފައިވާއިރު، މި ސަރަހައްދަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން)އިން ރީނދޫ ސަމާލު ނެރެފިއެވެ.

ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށީގެން އދ. އަތޮޅަށް މިއަދުގެ ހެނދުނު 7:30 އިން 11:30 އަށެވެ.

އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އޮފީހުން މިއަދުގެ އިރުއޮއްސި 18:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން، ތިން ފޫޓާއި ހަތް ފޫޓަށް ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެފައިވާއިރު އެމްއެންޑީއެފުން ވަނީ ބައެއް ގެތަކަށް ފެން ވަދެފައިވާތީ ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މޫސުން ގޯސް ދުވަސްވަރަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން އަބަދުވެސް ހަނދާންކޮށްދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ސްކޫލްތަކުގެ މިޑްޓާމް ޗުއްޓީ ކަމުން، މިއީ ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ. މެޓް އޮފީހުން ބުރާސްފަތި ދުވަހު ވެސް ވަނީ، މި ހަފުތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.

comment ކޮމެންޓް