ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.23 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ފޮޓޯ: އެފްއޭއެމް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެފައިވާތީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ނިންމައިފިއެވެ.

ފީފާއިން އާންމުކުރި ރަސްމީ ބަޔާނުގައި ބުނެފައި ވަނީ ބައްސާމްގެ މައްޗަށް ނަހަމަ ގޮތުގައި ހިންގި މާލީ މުއާމަލާތްތަކާއި، މަނީ ލޯންޑަރިންގެ އިތުރުން ފީފާގެ ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރިކަން ސާބިތުވެފައިވާ ކަމަށެވެ.

"އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފީފާގެ އެތިކްސް ކޯޑުގެ ގިނަ މާއްދާތަކަކާ ޚިލާފުވެފައި. މީގެ ތެރޭގައި އިއްޒަތާއި އަބުރު ރައްކާތެރިކުރުމުގެ މާއްދާއާއި، މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުމުގެ މާއްދާގެ އިތުރުން ފީފާއިން ކޮވިޑް-19 ގެ އެހީގެ ގޮތުގައި ދިން ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނޭ،" ފީފާގެ އެތިކްސް ކޮމިޓީގެ ނިންމުމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

https://sun.mv/219297

މީގެ އިތުރުން، އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ 10 އަހަރަށް ސަސްޕެންޑްކޮށް، 100,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ބައްސާމްގެ މައްޗަށް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވެސް ވަނީ މާލީ ބޮޑެތި ޚިޔާނާތްތަކުގެ ދައުވާތަކެއް އުފުލައި، ހުކުމްތަކެއް އިއްވާފައެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ ފީފާއިން އެފްއޭއެމް މެދުވެރިކޮށް ދޫކުރި ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާއާއި، ބޭރުގެ އިދާރާތަކުން ލިބުނު އެހީގެ ފައިސާ ބޭނުންކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތް މައްސަލައެވެ.

https://sun.mv/212406

މި މައްސަލައިގައި ދިވެހި ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑަރިންގެ ގިނަ ދައުވާތަކެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

ރާއްޖޭގެ ކޯޓުތަކުން ވަނީ ބައްސާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި، ޖަލު ހުކުމްތަކެއް އިއްވުމުގެ އިތުރުން، އޭނާ ޚިޔާނާތުގެ ފައިސާއިން ގަނެފައިވާ ކަމަށް ބުނާ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމަށް އަމުރުކޮށްފައެވެ.

ނަމަވެސް، ސިއްހީ ހާލަތަށް ރިއާޔަތްކޮށް މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބައްސާމްގެ ޖަލުހުކުމުގެ ވަކި ހިސާބަކުން އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ފީފާގެ މި ނިންމުމާއެކު، ބައްސާމް ވަނީ ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި ފީފާއިން އުމުރު ދުވަހުގެ ސަސްޕެންޝަނެއް އިއްވި އެންމެ އިސް އޮފިޝަލަށް ވެފައެވެ.

comment ކޮމެންޓް