އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕް ފަދަ ތާރީޚީ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރަން ލިބި، މިފަދަ ކާމިޔާބެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށާއި މިއީ ރާއްޖޭގެ ކުރިކެޓަށް ލިބުނު ކުރިއެރުމެއްކަމަށް މުބާރާތުގެ ދެވަނަ ހޯދި ރާއްޖޭގެ އައިޒީ އެކަޑަމީގެ ޓީމުގެ ކޯޗު މުޙައްމަދު އަފްލާހް ބުނެފިއެވެ.
މި މުބާރާތުގައި ރާއްޖޭން ދެ ފޯމެޓަކަށް ކުޅެފައިވާއިރު، ރާއްޖޭގައި އާންމުކޮށް ކުޅޭ ފޯމެޓަށް ކުޅުނު މެޗުތަކުގައި މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ރާއްޖޭން ބަލިކޮށްފައިވާކަން ޓީމުގެ ކޯޗު، މުޙައްމަދު އަފްލާހް ފާހަގަކުރިއެވެ. އޭގެ ތެރޭގައި ވަރުގަދަ އިންޑިއާ، ޔޫއޭއީ، ސްރީލަންކާ އަދި އުޒްބަކިސްތާނު ހިމެނޭކަމަށް ކޯޗު ބުންޏެވެ.
މުބާރާތުގެ ފައިނަލުގައި ބަހުރައިން އަތުން 21 ލަނޑުގެ ތަފާތަކުން ރާއްޖެ ބަލިވިއިރު، ރާއްޖެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި އަވަށްޓެރި ސްރީލަންކާ ނުވަ ލަނޑުން ބަލިކޮށްގެންނެވެ.
ކޯފު އަފްލާހް ފާހަގަކުރިގޮތުގައި މި މުބާރާތުގައި މުޅިން އަލަށް ވާދަކޮށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ. މިއީ ޒަމާންވީ ބޮޑު މުބާރާތެއްކަމަށާއި މި ކާމިޔާބީން ދައްކުވައިދިނީ ރާއްޖޭގެ ކުރިކެޓަށް އުންމީދީ މަންޒަރެއްކަމަށް ކޯޗު ބުންޏެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ހަގީގަތުގައި. މުޅިން އަލަށް މިފަދަ މުބާރާތެއްގައި ބައިވެރިމިވީ. ދެން އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕަކީ ވަރަށް ޒަމާންވީ މުބާރާތެއް. މިއީ 70 ވަރަކަށް އަހަރުވީ މުބާރާތެއް. އެހެންވީމަ މިކަހަލަ ވަރުގަދަ މުބާރާތަކަށް ދެވުނީތީ ވަރަށް އުފާކުރަން. މިފަދަ މުބާރާތަކުން މިވަރުގެ ކާމިޔާބީއެއް ލިބުނީމަ ވަރަށް އުފާކުރަން" ކޯޗު އަފްލާހް ބުންޏެވެ.
ޖޫނިއާ ޤައުމީ ޓީމުގެ ދެ ކުޅުންތެރިއަކު ވެސް މި މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައިވާއިރު، މި މުބާރާތުގެ ސަބަބުން އެކުދިންނަށްވެސް ރަނގަޅު ތަޖުރިބާތަކެއް ލިބުނުކަން ކޯޗު ފާހަގަކުރިއެވެ. ވަކިން ޚާއްސަކޮށް އިންޑިއާ ފަދަ ކުރިކެޓްގައި ފާހަގަކޮށްލެވޭ ޤައުމަކާ ދެކޮޅަށް ކުޅެ، އެ ޤައުމު ބަލިކުރުމަކީ އައިޒީ އެކަޑަމީއަށް ލިބުނު ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަކުރިއެވެ.
"އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވެނީ އިންޑިއާ ޓީމު. އެމީހުންގެ ކުޅުމާ ކުރިކެޓްގެ އެމީހުންގެ ސެންސް، އެކަމަކު އައިޒީގެ ކުޅުންތެރިން ދެއްކި ހިތްވަރާ އިންޑިއާ ކައިރީގައި މޮޅުވުމަކީ ވަރަށް ވަރަށް ބޮޑު ކާމިޔާބީއެކޭ އަޅުގަނޑު ދަންނަވާނީ" ކޯޗު ބުންޏެވެ.
މިއީ އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 13 ޤައުމަކުން ވާދަކުރިއިރު، ގްރޫޕު އޭ ގައި ރާއްޖޭން ވާދަކުރީ ސިންގަޕޫރު، އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި ނޭޕާލްއާއެވެ. ގްރޫޕް ބީ ގައި ހިމެނުނު ޤައުމުތަކަކީ މެލޭޝިއާ، އުޒަބަކިސްތާނު، ކުވައިތު، ބަނގްލަދޭޝް، ބޫޓާން، ޔޫއޭއީ އަދި އަފްޣާނިސްތާނެވެ.
އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމު ރަނަރަޕް ޓްރޮފީއާއެކު ރާއްޖޭގައި--19 އަހަރުންދަށުގެ ޤައުމީ ޓީމުގެ ދެ ކުޅުންތެރިއަކުވެސް ހިމެނުނު މި ސްކޮޑުގައި ހިމެނިފައިވަނީ 14 ކުޅުންތެރިންނާއި ފަސް އޮފިޝަލުންނެވެ. މިއީ ރާއްޖޭގެ ޓީމެއް އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ މިމަހުގެ 26 އިން 29 އަށް އިންޑިއާގެ ޗެންނާއީގައެވެ. މުބާރާތުގެ ކުޅުން އޮތީ ކޭސީޖީ ކޮލެޖް އޮފް ޓެކްނޮލޮޖީގެ ފީލްޑު އެކެއްގައެވެ.