ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ހިންގިކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖުމުލަ 32 އަހަރަށް ޖަލަށްލާފައި ހުރި ބައްސާމް އަދީލް ޖަލީލް މިއަދު ގޭބަންދަށް ބަދަލުކޮށްފިއެވެ.
ބައްސާމްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެ، ހަތަރު ދައުވާއެއް ވަނީ ސާބިތުވެފައެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި ދިގު ޖަލު ހުކުމެއްގައި ހުރި ބައްސާމް ގޭބަންދަށް ބަދަލުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެކަމަކު، އޭނާ ގޭބަންދަށް ބަދަލުކުރަން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި މުޅިން ސާފެއް ނުވެއެވެ.
އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން ބައްސާމްގެ މައްޗަށް ޖުމުލަ ހަތަރު ދައުވާ ވަނީ ސާބިތުވެފައެވެ. އޭގެ ތެރެއިން ދެ ދައުވާއެއް އޭނާ ވަނީ ހައިކޯޓުގައި އިސްތިއުނާފު ވެސް ކޮށްފައެވެ.
އެފްއޭއެމްގެ ރައީސްކަމުގައި ހުރިއިރު އެ އެސޯސިއޭޝަނަށް ލިބުނު ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތު ބައްސާމަށް ވަނީ އަމާޒުވެފައެވެ. އެ ފައިސާއިން އޭނާ ހުޅުމާލެއިން އެޕާޓްމަންޓެއް ވެސް ގަނެފައިވާ ކަމަށް ދައުލަތުން އުފުލި ދައުވާތަކުގައި ވެއެވެ.
ބައްސާމަށް އިއްވާފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އިއްވި 23 އަހަރުގެ ޖަލު ހުކުމެކެވެ.