އިންސްޓަގްރާމްގެ 80ގެ އަހަރުތަކުގެ ޓްރެންޑުން ތިމާވެއްޓަށް ގެއްލުން ލިބޭކަން އެނގޭތަ؟

އިންސްޓަގްރާމްގެ 80ގެ އަހަރުތަކުގެ ޓްރެންޑުގެ ފޮޓޮއެއް --

އޭއައި މެދުވެރިކޮށް އުފައްދާ ކޮންމެ ތަސްވީރަކާއެކު ހަކަތައާއި ފެން އިސްރާފުވަމުންދާކަން ދިރާސާތަކުން ހާމަވެއްޖެއެވެ.

އޭއައި މެދުވެރިކޮށް އުފައްދާ އެންމެ ތަސްވީރަކުން، ސްމާޓްފޯނެއްގެ ބެޓެރީގެ 50 ޕަސެންޓް ޗާޖުކުރުމަށް ބޭނުންވާ މިންވަރަށް ކަރަންޓު ހޭދަވެއެވެ. މިއީ އިންސްޓަގްރާމްގައި މިހާރު ވައިރަލްވެފައިވާ 80ގެ އަހަރުތަކުގެ ޓްރެންޑުގައި ބައިވެރިވާ ގިނަ ބަޔަކަށް އެނގޭނެ ކަމެއް ނޫނެވެ. ބޯ އިސްތަށިގަނޑާއި، އެ ޒަމާނުގެ ހެދުންތަކާއެކު އާދައިގެ ސެލްފީތައް ކުރީގެ ތަސްވީރުތަކަކަށް ބަދަލުކޮށްލާއިރު، މިއީ ހަމައެކަނި ސޯޝަލް މީޑިއާގެ އުފަލެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް މީގެ ފަހަތުގައި ވަނީ ތިމާވެއްޓަށް ކުރިމަތިވަމުންދާ ބޮޑު ނުރައްކަލެކެވެ.

މީގެ ކުރިންވެސް މިފަދަ ޓްރެންޑުތައް އައިސްފައިވެއެވެ. ސްޓޫޑިއޯ ގިބްލީގެ ސްޓައިލަށް އޭއައި މެދުވެރިކޮށް ތަސްވީރު އުފެއްދުން އާންމުވި ދުވަސްވަރު، އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. އޭނާ ބުނެފައިވަނީ، ތަސްވީރުތައް އުފެއްދުން މަޑުޖައްސާލުމަށް އެދޭ ކަމަށާއި، މިއީ ގަބޫލުކުރަން ދަތި މިންވަރެއް ކަމަށެވެ. އަދި އޭނާގެ ޓީމަށް ނިދި ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ. މިއީ ހަމައެކަނި ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށް ވިޔަސް، މީގެ ފަހަތުގައި ވަނީ ހިތްދަތި ހަގީގަތެކެވެ. މި ވައިރަލް ޓްރެންޑުތަކަކީ ހަމައެކަނި އަހަރެމެންގެ ފީޑުތައް ފުރާލާ އެއްޗެއް ނޫނެވެ. މިއީ ދުނިޔޭގެ ވަސީލަތްތައްވެސް ހުސްކުރަމުންދާ ކަމެކެވެ.

އިންސްޓަގްރާމްގެ ޓްރެންޑެއް ކަމަށް ވިޔަސް، ނުވަތަ އެހެން އޭއައި ތަސްވީރެއް ކަމަށް ވިޔަސް، ކޮންމެ ތަސްވީރެއް އުފެއްދުމަށް ބޮޑު ކޮމްޕިއުޓިން ބާރެއް ބޭނުންވެއެވެ. ތަސްވީރެއް އުފެދިގެން އަންނަ މަދު ސިކުންތުކޮޅުގެ ފަހަތުގައި ވަނީ، ގިނަ އަދަދެއްގެ ހަކަތަ ބޭނުންކުރާ ޑޭޓާ ސެންޓަރުތަކާއި، ފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމުތަކެވެ. އެންމެ ތަސްވީރަކުން ދުނިޔެ ހަލާކުނުވާނެ ކަމަށް ބުނެ މިކަން ދޫކޮށްލެވިދާނެއެވެ. ނަމަވެސް މިލިއަނުން މީހުން ކޮންމެ މިނެޓަކު އެތައް ތަސްވީރެއް އުފައްދަމުންދާއިރު، ތިމާވެއްޓަށް ލިބޭ ގެއްލުން އަންނަނީ ބޮޑުވަމުންނެވެ.

އިންސްޓަގްރާމްގެ 80ގެ އަހަރުތަކުގެ ޓްރެންޑުގެ ފޮޓޮއެއް --

ކާނެގީ މެލަން ޔުނިވާސިޓީއާއި ހަގިން ފޭސް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އޭއައި ތަސްވީރެއް އުފެއްދުމަށް 0.01 އާއި 0.29 ކިލޯވޮޓް-އަވާ އާ ދެމެދުގެ މިންވަރަކަށް ކަރަންޓު ބޭނުންވެއެވެ. މިކަން މިލިއަނުން މީހުން ބައިވެރިވާ ޓްރެންޑުތަކާ ގުޅުވާލުމުން، މިއީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު އަދަދެކެވެ.

ހަކަތައިގެ އެންމެ ބޮޑު ބޭނުމެއް ކުރަނީ ޑޭޓާ ސެންޓަރުތަކުގައެވެ. އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ) އިން ލަފާކުރާ ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށް އަންނައިރު ދުނިޔޭގެ ޑޭޓާ ސެންޓަރުތަކުން ކަރަންޓު ބޭނުންކުރާ މިންވަރު ދެގުނަ އިތުރުވާނެއެވެ. އަދި އޭއައިއަށް ހާއްސަކޮށްފައިވާ ޑޭޓާ ސެންޓަރުތަކުގެ ހަކަތައިގެ ބޭނުންކުރުން އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ.

މެސްޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުތުރު އެމެރިކާގެ ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ކަރަންޓުގެ މިންވަރު 2022 ވަނަ އަހަރުގެ ނިޔަލަށް ހުރި 2،688 މެގަވޮޓުން، 2023 ވަނަ އަހަރުގެ ނިޔަލަށް ވަނީ 5،341 މެގަވޮޓަށް އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ޖެނެރޭޓިވް އޭއައިއެވެ. މުޅި ދުނިޔެއަށް ބަލާއިރު، 2022 ވަނަ އަހަރު ޑޭޓާ ސެންޓަރުތަކުން ގާތްގަނޑަކަށް 460 ޓެރަވޮޓް-އަވާގެ ކަރަންޓު ބޭނުންކޮށްފައިވެއެވެ. މިއީ ދުނިޔޭގައި 11 ވަނައަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ގައުމުތަކާ އެއްވަރުގެ މިންވަރެކެވެ.

މި އަދަދުތައް އަންނަނީ ހަލުވިކަމާއެކު މައްޗަށެވެ. 2026 ވަނަ އަހަރާ ހަމައަށް އަންނައިރު، ދުނިޔޭގެ ޑޭޓާ ސެންޓަރުތަކުން ކަރަންޓު ބޭނުންކުރާ މިންވަރު 1،050 ޓެރަވޮޓް-އަވާ އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއާއެކު، މިއީ ދުނިޔޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ފަސް ދާއިރާގެ ތެރޭގައި ހިމެނޭނެ ކަމެކެވެ.

މި މޮޑެލްތައް ބޭނުންކުރުމަށް ވުރެ، އެތަކެތި ޓްރެއިން ކުރުމަށް މާ ގިނަ ވަސީލަތްތައް ބޭނުންވެއެވެ. ގޫގުލްއާއި ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ބާކްލީ އިން 2021 ވަނަ އަހަރު ކުރި ދިރާސާއަކުން އަންދާޒާކޮށްފައިވާ ގޮތުގައި، ޖީޕީޓީ-3 ޓްރެއިން ކުރުމަށް ގާތްގަނޑަކަށް 1،287 މެގަވޮޓް-އަވާގެ ކަރަންޓު ބޭނުންކޮށްފައިވެއެވެ. މިއީ އާދައިގެ 700 ގޭބިސީއަކަށް އެއް އަހަރު ދުވަހަށް ބޭނުންވާނެ ކަރަންޓެވެ. އަދި މިކަމުގެ ސަބަބުން ގާތްގަނޑަކަށް 552 ޓަނުގެ ކާބަން ޑައިއޮކްސައިޑް ޖައްވަށް ދޫކޮށްފައިވެއެވެ.

ކަރަންޓުގެ އިތުރުން، ފެން އިސްރާފުވުމަކީވެސް އޮތް ބޮޑު މައްސަލައެކެވެ. ތަސްވީރު އުފައްދާ ސާވާތަކުން ގިނަ އަދަދަކަށް ހޫނު އުފެދޭއިރު، މިއެއްޗެހި ފިނިކުރުމަށް ގިނަ ޑޭޓާ ސެންޓަރުތަކުން ބޭނުންކުރަނީ ފެނުގެ ނިޒާމުތަކެވެ. ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ރިވާސައިޑްގެ ދިރާސާވެރިން ބުނާ ގޮތުގައި، ޖީޕީޓީ-3 ޓްރެއިން ކުރުމަށް ގާތްގަނޑަކަށް 7 ލައްކަ ލީޓަރުގެ ތާޒާ ފެން ބޭނުންކޮށްފައިވެއެވެ. މިއީ ޓެސްލާގެ 320 ކާރު ނުވަތަ ބީއެމްޑަބްލިއު ގެ 370 ކާރު އުފެއްދުމަށް ބޭނުންވާ މިންވަރުގެ ފެނެވެ.

އިންސްޓަގްރާމްގެ 80ގެ އަހަރުތަކުގެ ޓްރެންޑުގެ ފޮޓޮއެއް --

މޮޑެލް ޓްރެއިން ކުރުމަށްފަހުވެސް ފެން ބޭނުންކުރުން ހުއްޓައެއް ނުލައެވެ. ރިވާސައިޑްގެ ދިރާސާއިން އިތުރަށް ހާމަވާ ގޮތުގައި، ޗެޓްޖީޕީޓީއާ އެކު ކުރެވޭ 20 އާއި 50 އާ ދެމެދުގެ ޕްރޮމްޕްޓްތަކަށް، 500 އެމްއެލްގެ ފެންފުޅިއަކާ އެއްވަރުގެ ފެން ބޭނުންވެއެވެ. އެހެންކަމުން، 80ގެ އަހަރުތަކުގެ ތަސްވީރެއް އުފައްދައިދިނުމަށް އެދޭ ކޮންމެ ފަހަރަކު، މުސްތަގުބަލުގައި ފެނުގެ ދަތިކަން ކުރިމަތިކުރުވާފާނެ ނިޒާމަކަށް އެހީތެރިވެދެވެނީއެވެ.

އެމްއައިޓީން އަންދާޒާކުރާ ގޮތުގައި، ޑޭޓާ ސެންޓަރުތަކުން ބޭނުންކުރާ ކޮންމެ ކަރަންޓު ޔުނިޓަކަށް، ފިނިކުރުމަށްޓަކައި ގާތްގަނޑަކަށް ދެ ލީޓަރުގެ ފެން ބޭނުންވެއެވެ. މީގެ މާނައަކީ "ކްލައުޑް" އަކީ އުޑުމަތީގައިވާ އެއްޗެއް ނޫނެވެ. އެއީ ބިމާއި، ކަރަންޓާއި، ފެން ބޭނުންކުރާ ބޮޑެތި އިމާރާތްތަކެކެވެ. އަދި ގިނަ ފަހަރަށް މިތަންތަން ހުންނަނީ ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ސަރަހައްދުތަކުގައެވެ.

އދ.ގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާ (ޔުނެޕް) އިން އިންޒާރުދޭ ގޮތުގައި، އޭއައިގެ ސަބަބުން ފެނަށް އޮންނަ ޑިމާންޑު ބޮޑުވަމުންދިއުމަކީ ހަމައެކަނި މޫސުމީ ލަނޑުދަނޑިތަކަށް އޮތް ހުރަހެއް ނޫނެވެ. މިއީ ދިރުންތަކާއި މާހައުލީ ނިޒާމުތަކަށްވެސް އޮތް ނުރައްކަލެކެވެ.

މީގެ އިތުރުން، އޭއައި ހިންގުމަށް ބޭނުންކުރާ ހާޑްވެއާއަކީވެސް ތިމާވެއްޓަށް ގެއްލުންދޭ އެއްޗެކެވެ. ޖެނެރޭޓިވް އޭއައި ހިންގާ ޖީޕީޔޫތައް އުފައްދަނީ ގުދުރަތީ މާހައުލުން ނަގާ މައުދަންތަކުންނެވެ. ޔުނެޕް އިން ބުނާ ގޮތުގައި، ޒަމާނީ ޑޭޓާ ސެންޓަރުތަކުގައި ހުންނަ އިލެކްޓްރޯނިކް ސާމާނުތައް އުފެއްދުމަށް ގިނަ އަދަދެއްގެ މެޓީރިއަލް ބޭނުންވެއެވެ. ދެ ކިލޯގެ ކޮމްޕިއުޓަރެއް އުފެއްދުމަށް ގާތްގަނޑަކަށް 800 ކިލޯގެ ރޯމެޓީރިއަލް ބޭނުންވާއިރު، އޭއައި ހިންގާ މައިކްރޯޗިޕްތައް އުފެއްދުމަށް ބޭނުންވާ މައުދަންތައް ނަގަނީ ތިމާވެއްޓަށް ގެއްލުންދޭ ގޮތްގޮތަށެވެ.

ކުރުކޮށް ބުނާނަމަ، ވައިރަލްވާ ކޮންމެ އޭއައި ޓްރެންޑެއްގެ ފަހަތުގައި ވަނީ ލިތިއަމް މައިންތަކުން ފެށިގެން، 24 ގަޑިއިރު ހިންގާ ސާވާ ފާމްތަކާ ހަމައަށް ދެމިގެންދާ ސަޕްލައި ޗޭނެކެވެ. މީގެ މާނައަކީ އޭއައި ބޭނުންކުރުން އެއްކޮށް ހުއްޓާލުމެއް ނޫނެވެ. މައްސަލައަކީ އެންމެ ތަސްވީރެއް ނޫނެވެ. މައްސަލައަކީ މިކަން ކުރާ މިންވަރެވެ. މާދަމާ ގެއްލޭ އިންސްޓަގްރާމް ސްޓޯރީއަކަށްޓަކައި، މިލިއަނުން މީހުން ފަހެއް، ދިހައެއް ނުވަތަ ވިހި ތަސްވީރު އުފައްދާއިރު، ތިމާވެއްޓަށް ލިބޭ ގެއްލުމަކީ އަޅާނުލައި ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

އޭއައި އަކީ އާންމު ދިރިއުޅުމުގެ ބަޔަކަށް ވަމުންދާއިރު، މިއީ ބޭނުންތެރި ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމާއި، ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކުރުމާ ދެމެދު އޮތް ފަރަގު ދެނެގަތުން މުހިންމެވެ. މުހިންމު ދިރާސާއަކަށް އެހީތެރިވުމަށް ޗެޓްޖީޕީޓީ ބޭނުންކުރުމާއި، އެހެން މީހުންވެސް ކުރާތީ އަމިއްލަ ސިފަ ބަދަލުކޮށްގެން އެތައް ތަސްވީރެއް އުފެއްދުމަކީ ތަފާތު ދެ ކަމެކެވެ. ކޮންމެ ޕްރޮމްޕްޓަކުންވެސް ތިމާވެއްޓަށް އަސަރުކުރެއެވެ. 80ގެ އަހަރުތަކުގެ ޓްރެންޑު ފަނޑުވެ، އަންނަ ހަފުތާގައި އެހެން އޭއައި ފިލްޓަރެއް އައިސްފާނެއެވެ. ނަމަވެސް އެ ޓްރެންޑުތައް ހިންގާ ސާވާތައް ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާނެއެވެ.

comment ކޮމެންޓް