މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އަދި ފިލްމީ ތަރި މަރްޔަމް އައްޒަ ޕްރޮޑިއުސަރެއްގެ ގޮތުގައި ނުކުންނަ ފުރަތަމަ ފިލްމު "ދެވި" ރޭ ޕްރިމިއާ ކޮށްފިއެވެ.
މާލޭ އޮލިމްޕަސް ސިނަމާގައި މި ފިލްމް ޕްރިމިއާ ކުރުމަށް ބޭއްވި ކުލަގަދަ ހަފްލާ ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. މި ހަފްލާގައި، ފިލްމްގެ ކާސްޓުންނާއި، ލަވަކިޔުންތެރިންގެ ހުށެހެޅުންތަކެއް ވަނީ ބެލުންތެރިންނަށް ހުށަހަޅައިދީފައެވެ.
"ދެވި" ފިލްމުގެ ޑައިރެކްޓަރު ސޭންޑީ އަދި ޕްރޮޑިއުސަރު އައްޒަ -- ފޮޓޯ: އޮލިމްޕަސްއައްޒަ ޑަބަލް ރޯލަކުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާއިން ބިރުވެރިކަމާއެކު ލޯބީގެ މަންޒަރުތަކެއް ވެސް ދައްކުވައިދެއެވެ. އައްޒަގެ ތަފާތު މޮޅު އެކްޓިންއެއް ފެނިގެންދާއިރު، ޓިކެޓް ވިއްކުމަށް ހުޅުވާލައިފައިވާ ގިނަ ޝޯތަކެއް މިހާރު ވަނީ ފުލްވެފައެވެ. އަދި "ދެވި" އަންނަ މަހުގެ އެކަކުން ފެށިގެން ރަށްރަށުގައި އެޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ހަފްތާ ބަންދުގައި އެކަނިވެސް ދެއްކުމަށް ހަމަޖެހިފައިވާ 30 އަށް ވުރެ ގިނަ ޝޯތަކެއްގެ ޓިކެޓް އެކި ރަށްރަށުން ދަނީ ވިކެމުންނެވެ.
ޓެކްނިކަލް ގޮތުން ބަލާއިރު މިއީ ދިވެހި ސިނަމާގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ދާއިރާގެ ފަންނީ ފަރާތްތަކުން ވަނީ ބުނެފައެވެ. ޚާއްސަކޮށް ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން އަދި ވީއެފްއެކްސް މަސައްކަތްތަކަކީ ވަރަށް ފެންވަރު ރަނގަޅު މަސައްކަތްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިހާރު ރާއްޖޭގައި ހުރި ޓެކްނިކަލީ އެންމެ ކުޅަދާނަ އަދި ހުނަރުވެރިން ކަމަށްވާ އަބްދުﷲ މުއާޒް، ވިޝާލް ޒަކީގެ އިތުރު ވީލްގެ ބުރަ އަދި ކަވި މަސައްކަތް މި ފިލްމުން ފެނިގެންދެއެވެ.
މި ފިލްމުގެ ވާހަކައިގައި ދައްކުވައިދެނީ އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެކެވެ.
"ދެވި" ގެ ޑައިރެކްޓަރަކީ ހުސެން ހާޒިމް (ސޭންޑީ)އެވެ. އަދި މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ސޭންޑީ އާއި ޝަހުދާ ގުޅިގެންނެވެ.
މީގެ އިތުރުން ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމުގައި އެމްއެންޑީއެފްގެ އެސްއޯޖީ (ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް) ޓީމުގެ ބައިވެރިވުން ހިމެނިފައިވާތީ، މިއީ ބެލުންތެރިންނަށް މުޅިން އާ އަދި ޝައުގުވެރި ތަޖުރިބާއަކަށް ވެގެންދާނެއެވެ.