އެޕަލްގެ ފުރަތަމަ ފަށްޖެހޭ ފޯނާ ދެކޮޅަށް ސެމްސަންގުން ކެމްޕޭނެއް ފަށައިފި

ސޯލްގައި ހުންނަ ސެމްސަންގްގެ ފިހާރައިގައި ކުރިއަށްދާ އިވެންޓެއްގައި ގެލެކްސީ ޒެޑް ޓްރައިފޯލްޑެއް ދައްކާލަނީ --- ފޮޓޯ: ސެމްސަންގް

އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ތައާރަފުކުރި ފުރަތަމަ ފަށްޖެހޭ ފޯނާ އެކު ކުރިމަތިވެފައިވާ ވާދަވެރިކަމުން ދިފާއުވުމަށް ޓަކައި، ސެމްސަންގުން އިޝްތިހާރު ކުރުމުގެ ވަރުގަދަ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނުގައި ސެމްސަންގުން މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ ފަށްޖެހޭ ފޯނު އުފެއްދުމުގައި ސެމްސަންގް ކުންފުނިން ހޯދާފައިވާ ގިނަ ދުވަހުގެ ތަޖުރިބާއާއި، ހާޑްވެއާގެ ގޮތުން އެ ކުންފުނީގެ ފޯނުތަކަށް ލިބިފައިވާ މޮޅު ސިފަތަކެވެ.

ބުދަ ދުވަހު އެޕަލް އިން ވަނީ "ޑުއޯ" ގެ ނަމުގައި 1،999 އެމެރިކާ ޑޮލަރަށް ވިއްކާ ފުރަތަމަ ފަށްޖެހޭ އައިފޯން ދައްކާލާފައެވެ. މިއީ ސެމްސަންގާއި ޗައިނާގެ ވާވޭ ފަދަ ކުންފުނިތަކުން ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރަމުން އައި، މަދު ބަޔަކު ބޭނުންކުރާ ވަކި ހާއްސަ މާކެޓު ބަދަލުކޮށްލުމަށް އެޕަލް އިން އެޅި ފިޔަވަޅެކެވެ.

އެޕަލްގެ މި އާ ފޯނު ފަރުމާކޮށްފައިވަނީ ޕާސްޕޯޓެއްގެ ބައްޓަމަށެވެ. މިއީ ގޫގުލްގެ ޖެމިނައި އޭއައި ހިމަނައިގެން 1،899 ޑޮލަރަށް ސެމްސަންގުން މީގެ ދެ މަސް ކުރިން ނެރުނު ގެލެކްސީ ޒެޑް ފޯލްޑް 8 ގެ ޑިޒައިނާ ދާދި އެއްގޮތް ބައްޓަމެކެވެ.

މާކެޓް ދިރާސާކުރާ ކައުންޓަޕޮއިންޓުން ބުނާ ގޮތުގައި އެޕަލް އިން މި ފޯނުގެ އަގު 2،000 ޑޮލަރަށް ވުރެ ކުޑަކޮށް، ސެމްސަންގްގެ ފޯލްޑް 8 އަށް ވުރެ އެންމެ 100 ޑޮލަރު ބޮޑުކޮށް ވިއްކަން ނިންމުމަކީ ވަރަށް ވަރުގަދަ ނިންމުމެކެވެ. އަދި މީގެ ސަބަބުން ފަށްޖެހޭ ފޯނުގެ މާކެޓުގެ ވާދަވެރިކަމަށް ބޮޑު ބަދަލެއް އައިސް، ސެމްސަންގްގެ މާކެޓް ހިއްސާއަށް ބާރުބޮޑުވާނެ ކަމަށް ވެސް އެ ފަރާތުން ފާހަގަކުރެއެވެ.

އެޕަލްގެ އައިފޯން ޑުއޯ ---

ކައުންޓަޕޮއިންޓުން ލަފާކުރާ ގޮތުގައި މި އަހަރު ނިމޭއިރު ފަށްޖެހޭ ފޯނުގެ ބާޒާރުގެ 25 އިންސައްތަ ހިއްސާ އެޕަލް އިން ހޯދާނެއެވެ. އަދި މި ދާއިރާގައި އެންމެ ކުރީގައި އުޅޭ ސެމްސަންގްގެ ހިއްސާ މި އަހަރު ހުންނާނީ 38 އިންސައްތައިގައެވެ.

އެޕަލްގެ މި އުފެއްދުމާ ގުޅިގެން ސެމްސަންގުން ވަނީ ސޯލް، ޓޯކިޔޯ އަދި ލަންޑަން ފަދަ ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ބިލްބޯޑު އިޝްތިހާރުތައް ބަހައްޓަން ފަށާފައެވެ. "ވެލްކަމް ޓޫ ފޯލްޑަބަލްސް" އަދި "ދުނިޔޭގެ އެންމެ ލުއި ފޯލްޑް" ފަދަ ސްލޯގަންތައް ބޭނުންކޮށްގެން ސެމްސަންގުން ދައްކުވައިދެނީ އެ ކުންފުނީގެ ފޯނުތަކުގެ ތުނިކަމާއި ލުއިކަމެވެ.

މީގެ އިތުރުން ސެމްސަންގުން ވަނީ އެކްސް މެދުވެރިކޮށް އެޕަލްގެ އާ ފޯނަށް މަލާމާތްކޮށް، މާބޮޑު އާ އީޖާދެއް ނެތް ކަމަށް ބުނެ ޕޯސްޓުތަކެއް ކޮށްފައެވެ. އެގޮތުން އެޕަލް އިން ކުރަނީ ސެމްސަންގުން މީގެ ކުރިން ކޮށްފައިވާ ކަންކަން އަލުން ކުރުން ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ. ހަމައެއާއެކު ފަށްޖެހޭ ފޯނުގެ ބަރުދަން ލުއިކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތްތަކުގެ މައުލޫމާތު ސެމްސަންގްގެ ވެބްސައިޓުގައި ވަނީ ހާމަކޮށްފައެވެ.

އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް ވަނީ މިހާރު މާކެޓުގައި ހުރި ފަށްޖެހޭ ފޯނުތަކަށް ފާޑުކިޔައި، އެއީ ފަރުވާލެއް ނެތި އެކުގައި ތަތްކޮށްފައިވާ ދެ ފޯނު ފަދަ އެއްޗެހި ކަމަށް ބުނެފައެވެ.

ސެމްސަންގުން އެންމެ ފުރަތަމަ ފަށްޖެހޭ ފޯނު ބާޒާރަށް ނެރުނީ 2019 ވަނަ އަހަރުއެވެ. އެ ފަހަރު ސްކްރީން ހަލާކުވުމުގެ މައްސަލަތައް ދިމާވެ ފޯނު ނެރުން ފަސްކުރަން ޖެހުނު ނަމަވެސް، އޭގެ ފަހުން މިހާތަނަށް ސެމްސަންގުން ވަނީ ފަށްޖެހޭ ފޯނުގެ އަށް ޖީލެއް ނެރެފައެވެ.

އެޕަލްގެ ފުރަތަމަ ފަށްޖެހޭ ފޯނު އުފެއްދުމުގައިވެސް ބޭނުންކުރަނީ ސެމްސަންގުން ތަރައްގީކޮށްފައިވާ ސަޕްލައި ޗެއިންގެ އެހީތެރިކަމެވެ. އެގޮތުން އައިފޯން ޑުއޯގައި ބޭނުންކުރާ ފަށްޖެހޭ ސްކްރީންތަކަކީ ސެމްސަންގްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ސެމްސަންގް ޑިސްޕްލޭ އިން އުފައްދާފައިވާ ތަކެއްޗެވެ.

މާކެޓް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި އެޕަލް އަކީ ވަކި ޓެކްނޮލޮޖީއެއް ފުރިހަމައަށް ތަރައްގީވެ، ބާޒާރު އެކަމަށް ފައްކާވާ ވަގުތު ބަލައިގެން މާކެޓަށް ވަނުމުގައި ކާމިޔާބު ކުންފުންޏެކެވެ. އެހެންނަމަވެސް ސެމްސަންގަކީ ދުނިޔޭގެ ފެންވަރުގައި މުދާ ފޯރުކޮށްދިނުމުގެ ވަރުގަދަ ނެޓްވޯކަކާއި ގިނަ އަހަރުތަކުގެ އަމަލީ ތަޖުރިބާ ހުރި ބޮޑު ކުންފުންޏަކަށް ވާތީ، މި ދެ ކުންފުނީގެ މެދުގައި އޮތް ވާދަވެރިކަން ކުރިއަށް އޮތް ތަނުގައި އިތުރަށް ހޫނުވާނެއެވެ.

comment ކޮމެންޓް