ސެމްސަންގުން ކުރިއަށް ނެރުމަށް ތައްޔާރުވަމުންދާ ގެލެކްސީ އެސް27 ސީރީޒްގެ ފޯނުތަކުގެ ރޭމް އަދި ސްޓޯރޭޖް ކޮންފިގުރޭޝަންތަކާ ބެހޭ ތަފްސީލީ މައުލޫމާތުތަކެއް އިންޓަނެޓުގައި ލީކުވެއްޖެއެވެ.
ލީކުވެފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި މި ސީރީޒްގެ އާންމު މޮޑެލްތަކުގައި ކުރީގެ ފޯނުތަކާ އެއްގޮތް މިންވަރެއްގެ ރޭމް އަދި ސްޓޯރޭޖް ހިފަހައްޓާފައިވީ ނަމަވެސް، މަތީ ފެންވަރުގެ މޮޑެލްތަކަށް އާ މެމޮރީ އަދި ސްޓޯރޭޖް ޓެކްނޮލޮޖީތަކެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ.
ދެކުނު ކޮރިއާގެ އިންޑަސްޓްރީ މަސްދަރުތަކާއި ވޭބޯ ޕޯސްޓްތަކަށް ހަވާލާދީ، 'ލަންޒުކް' ނަމަކަށް ކިޔާ ޓިޕްސްޓަރަކު ނޭވާ ބްލޮގްގައި އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ގެލެކްސީ އެސް27 ސީރީޒްގެ ގިނަ ފޯނުތަކުގައި ސްޓޭންޑަޑް އޮޕްޝަނެއްގެ ގޮތުގައި ބޭނުންކުރާނީ 12 ޖީބީގެ ރޭމްއެވެ.
މި ލީކުގައިވާ ގޮތުން، ބޭސިކް ގެލެކްސީ އެސް27 އަދި ގެލެކްސީ އެސް27 ޕްލަސް ފޯނުތައް ލިބެން ހުންނާނީ 12 ޖީބީ ރޭމާއެކު 256 ޖީބީ އަދި 512 ޖީބީގެ ސްޓޯރޭޖް އޮޕްޝަންތަކުގައެވެ. އަދި އަލަށް ތައާރަފުކުރާ ގެލެކްސީ އެސް27 ޕްރޯ މޮޑެލްގައި 12 ޖީބީ ރޭމާއެކު 256 ޖީބީ، 512 ޖީބީ އަދި އެއް ޓީބީގެ ސްޓޯރޭޖް ލިބެން ހުންނާނެއެވެ.
ގެލެކްސީ އެސް27 އަލްޓްރާ މޮޑެލްގެ 256 ޖީބީ އަދި 512 ޖީބީގެ ވާޝަންތަކުގައި 12 ޖީބީގެ ރޭމް ހިމެނޭއިރު، އެންމެ މަތީ އެއް ޓީބީގެ ސްޓޯރޭޖް ހިމެނޭ މޮޑެލްގައި 16 ޖީބީގެ ރޭމް ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން، ގެލެކްސީ އެސް27 ޕްރޯ އަދި އެސް27 އަލްޓްރާގައި އެންމެ ފަހުގެ އެލްޕީޑީޑީއާރް6 ރޭމް އަދި ޔޫއެފްއެސް 5.1 ސްޓޯރޭޖް ބޭނުންކުރުމާމެދު ސޭމްސަންގުން ވިސްނަމުންދާ ކަމަށް ވެސް ލީކުތަކުން ދައްކައެވެ. މިއީ ކުރީގެ ގެލެކްސީ އެސް26 އަލްޓްރާގައި ބޭނުންކޮށްފައިވާ އެލްޕީޑީޑީއާރް5އެކްސް ރޭމް އަދި ޔޫއެފްއެސް 4.0 ސްޓޯރޭޖަށްވުރެ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، މި އާ ޓެކްނޮލޮޖީތައް މުޅި ސީރީޒްގައި ބޭނުންކުރާނީތޯ ނުވަތަ ވަކި މޮޑެލްތަކަކަށް މަހުދޫދުކުރާނީތޯ ނިންމުމުގައި ހިނގާނެ ހަރަދަށް ސޭމްސަންގުން ބަލާނެއެވެ.
ކުރިން ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސޭމްސަންގުން ގެލެކްސީ އެސް27 އަލްޓްރާގެ ބައެއް މާކެޓްތަކަށް އެކްސިނޯސް 2700 ޗިޕްސެޓް ބޭނުންކުރާއިރު، އެމެރިކާ ފަދަ މާކެޓްތަކުގައި ބޭނުންކުރާނީ ސްނެޕްޑްރޭގަން 8 އެލީޓް އެކްސްޓްރީމް ޖެން 6 ޗިޕްސެޓެވެ.
ޑިސްޕްލޭއަށް ބަލާއިރު، އެސް27 ޕްރޯ އަދި އެސް27 އަލްޓްރާގައި ސޭމްސަންގްގެ އަމިއްލަ އެމް16 އޯއެލްއީޑީ ޕެނަލް އަލަށް ބޭނުންކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޕެނަލްގެ ސަބަބުން އަލިގަދަކަމާއި، ކުލަތަކުގެ ފުރިހަމަކަމާއި، ބެޓެރި ސޭވްކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. އަދި އާދައިގެ އެސް27 އަދި އެސް27 ޕްލަސް މޮޑެލްތަކުގައި ކުރީގެ އެމް13 ޕެނަލްގެ ބަދަލުގައި، އެސް26 އަލްޓްރާގައި ބޭނުންކުރި އެމް14 އޯއެލްއީޑީ ޕެނަލް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ.
އަލަށް ލީކުވެފައިވާ ފޯނުތަކުގެ ހާޑްވެއާ ސްޕެސިފިކޭޝަންތަކަށް ބަލާއިރު، ގެލެކްސީ އެސް27 ގައި ހިމެނެނީ 6.30 އިންޗީގެ ޑިސްޕްލޭއަކާއި، އެކްސިނޯސް 2700 ޕްރޮސެސަރާއި، 12 މެގަޕިކްސެލްގެ ފްރަންޓް ކެމެރާއަކާއި، 50 މެގަޕިކްސެލްގެ ރިއަރ ކެމެރާއެއްގެ އިތުރުން 4300 އެމްއޭއެޗްގެ ބެޓެރިއެކެވެ. ގެލެކްސީ އެސް27 ޕްރޯ ގައި 6.60 އިންޗީގެ ޑިސްޕްލޭއަކާއި، އެކްސިނޯސް 2700 ޕްރޮސެސަރާއި، 12 މެގަޕިކްސެލްގެ ފްރަންޓް ކެމެރާގެ އިތުރުން 200 މެގަޕިކްސެލް + 12 މެގަޕިކްސެލް + 50 މެގަޕިކްސެލްގެ ރިއާ ކެމެރާ ސިސްޓަމަކާއި 5200 އެމްއޭއެޗްގެ ބެޓެރިއެއް ހިމެނެއެވެ.
ގެލެކްސީ އެސް27 އަލްޓްރާ ގައި ހިމެނެނީ 6.90 އިންޗީގެ ބޮޑު ޑިސްޕްލޭއަކާއި، ސްނެޕްޑްރޭގަން 8 އެލީޓް ޖެން 6 ޕްރޮސެސަރާއި، 5700 އެމްއޭއެޗްގެ ބެޓެރިއެކެވެ. މި ސީރީޒްގެ ހުރިހާ ފޯނެއްވެސް ހިންގާނީ އެންޑްރޮއިޑް 17 އޮޕަރޭޓިން ސިސްޓަމްގައެވެ.
މި މައުލޫމާތުތަކާ ގުޅޭގޮތުން ސޭމްސަންގް ކުންފުނިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ހާޑްވެއާ ބަދަލުތަކުގެ ސަބަބުން ފޯނުތަކުގެ އަގަށް ބަދަލު އަތުވެދާނެކަމާމެދު ސުވާލުތައް ވަނީ އުފެދިފައެވެ.