ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޓުއަ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެން ބޭފުޅަކު ހޯއްދަވައި، ތާރީޚުގެ ތެރެއަށް ވަޑައިގެންފިއެވެ.
މި ކަން ހާސިލުކުރައްވާފައިވަނީ ސ. ފޭދޫ، ކަންމަތީގެ، އަލްފާޟިލާ ޢާއިޝަތު ޝީނާއެވެ.
ޢާއިޝަތު ޝީނާއަށް މަރުޙަބާ ދެންނެވުމަށާއި، އެކަން ފާހަގަކުރުމުގެ ގޮތުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި މިއަދު ވަނީ ޚާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ޝީނާއާ ބައްދަލުކުރައްވައި، ސަރުކާރުގެ ނަމުގައި މަރުޙަބާ ވިދާޅުވެ، ރަސްމީ ޓުއަ ގައިޑް ފާސް އޭނާއާ ހަވާލުކޮށްދެއްވާފައެވެ.
ވެރިރަށް މާލެއަށާއި އެކިއެކި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޓުއަ ހަދައިދިނުމުގައި ރާއްޖެއާއި ބެހޭގޮތުންނާއި، ޒިޔާރަތްކުރާ ރަށަކާބެހޭ ތާރީޚީ އަދި ސަގާފީ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޓުއަ ގައިޑުން މުހިންމު ދައުރެއް އަދާކުރެއެވެ.
މީގެއިތުރުން އެ ރަށްރަށުން ލިބެން ހުންނަ އާއްމު މަޢުލޫމާތާއި ޚިދުމަތްތައް ފަތުރުވެރިންނާ ހަމައަށް ފޯރުކޮށްދިނުމަކީ ވެސް އެ ފަރާތްތަކުން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި، އިގްތިޞާދީ ގޮތުންނާއި ފަންނީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިފަދަ ދާއިރާތަކުން ދިވެހި އަންހެނުން ކުރިއަރައިގެން ދިއުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާއިން އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް ވެސް ސަރުކާރުން ބުނެއެވެ.