މި އަހަރުގެ ފަހުކޮޅު އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވީއައިއޭގައި އެކި އެއާލައިންތަކުގެ ބޯޓުތައް: މި އަހަރުގެ ފަހުކޮޅު އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް އަމީން ވިދާޅުވި -- ފޮޓޯ/ ވެލާނާ އެއާޕޯޓް

މި އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމުގެ މަސައްކަތްކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީނު ވަނީ މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ސަރުކާރުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުން ގުޅިގެން މި އަހަރުގެ ފަހު ކުއާޓަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިނިސްޓަރު ވަނީ މި އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތްތައް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން ދެ އެއާލައިނަކީ މީގެ ކުރިން ރާއްޖެއަށް ސީޒަނަލް ދަތުރުތައް ކޮށްފައިވާ ދެ އެއާލައިންކަން ވެސް އަމީން ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު އަމީން: މި އަހަރުގެ ފަހުކޮޅު އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވި --- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއަށް ދަތުރުތައް ފައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ:

  • ރަޝިއާގެ އެއާލައިނެއް
  • ބަލްގޭރިއާގެ އެއާލައިނެއް
  • ވިއެޓްނާމްގެ އެއާލައިނެއް
  • އަރްމޭނިއާގެ އެއާލައިނެއް
  • އިތިއޯޕިއަން އެއާލައިން
  • ފްރާންސްއިން ފްރެންޗު ބީ
  • ކުވެއިތު އެއާވޭސް

އަމީން ވަނީ އެ އެއާލައިންތަކާއެކު، މި އަހަރުގެ ފަހު ސީޒަން ވަރަށް ކާމިޔާބު ސީޒަނަކަށް ވާނެ ކަމަށް ލަފާކުރައްވައިފައެވެ.

ފަހު ކުއާޓަރުގައި ވަރަށް އުންމީދީ މަންޒަރެއް މި ފެންނަނީ. ހިސާބުތަކަށް ބަލާއިރު، ޓޫރިސްޓް އެރައިވަލް މިދިޔަ އަހަރަށް ވުރެ ދަށް ވެގެން ނުދާނެ. ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން

ފާހަގަކޮށްލެވޭ ގޮތުގައި، ފެބުރުވަރީ 28ގައި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް އައެވެ. އެއީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބުރުލެއް އެރިއެވެ.

އެއަށްފަހު މެދުއިރުމަތީގައި ހަމަލާތައް ބަދަލުކުރަމުން ދިޔުމުން ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް ލަސްކޮށް، ކެންސަލް ވެސް ކުރިއެވެ. އަދި ހަނގުރާމަ ދެމިގެންދިޔަ ވަރަކަށް ދަތުރުފަތުރުގެ އަގު ވެސް އުފުލި، ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.49 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 3.7 ޕަސެންޓްގެ ދަށްވުމެކެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން، މިހާރު ރާއްޖެއަށް 32 އެއާލައިނަކުން ދަތުރުތައް ބާއްވައެވެ.

comment ކޮމެންޓް