އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ނިމުނު މަހުގެ ފަހުކޮޅު ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެ ޕާޓީގެ އެކްޓިވިސްޓް މުޙައްމަދު ޝާމިންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ޖަހައިފިއެވެ.
މިދިޔަ މަހު 28ގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ އިއްޔެއެވެ.
އެއަށްފަހު ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.
އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ކޯޓު އަމުރުގައި ބުނެފައި ވަނީ، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
ޓެކްސީ ޑްރައިވަރުންކަން ވެސް ކުރާ ޝާމިންއާ ދެކޮޅަށް، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ސީސީޓީވީ ފުޓޭޖު ސްނެޕް ޝޮޓުތަކާއި އިންޓެލިޖެންސް ރިޕޯޓު ވަނީ ކޯޓަށް ހުށަހަޅާފައެވެ.
މީގެކުރިން 2024ގެ ޑިސެމްބަރު ފަހުކޮޅުގައި ޓެކްސީ ޑްރަވައިރުން ކުރި މުޒާހަރާއަކާ ގުޅިގެން ވެސް ޝާމިން ހައްޔަރުކުރިއެވެ. އޭނާ އޭރު ދޫކޮށްލީ ޝަރުތުތަކާ އެކީގައެވެ.
އެ މުޒާހަރާއާ ގުޅިގެން އެމްޑީޕީ އެކްޓިވިސްޓް އަހުމަދު މައިމޫން މުހައްމަދު ވެސް ފުލުހުން ހައްޔަރުކުރިއެވެ. އޭނާގެ ބަންދަށް ޖެހި ފަސް ދުވަސް ހަމަވުމުން މިދިޔަ އާދިއްތަ ދުވަހު ހަވީރު އޭނާ ވަނީ ދޫކޮށްލާފައެވެ.