ދެ ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހިފެހެއްޓި ނާހިލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މުޙައްމަދު ނާހިލް --

ދެ ކިލޯއާ ގާތްކުރާ މަސްތުވާތަކެއްޗާއި 230 ވޭޕް ކާޓްރިޖާއެކު މާލެއިން ހައްޔަރުކުރި މުޙައްމަދު ނާހިލްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް މިއަދު ޖަހައިފިއެވެ.

ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއި މަސްތުވާތަކެއްޗާއެކު ފުލުހުން ނާހިލް ހައްޔަރުކުރީ މި މަހުގެ ތިންވަނަ ދުވަހުގައެވެ.

އެ އޮޕަރޭޝަނުގައި އޭނާއާއެކު އިތުރު ދެ މީހަކު ވެސް މީގެ ކުރިން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ކ. ހުރާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޙުސައިން ޝާވިންއާއި ތ. ތިމަރަފުށީ، އުމުރުން 21 އަހަރުގެ މަރްޔަމް އީޝާ އަޝްރަފެވެ. އޭރު ކްރިމިނަލް ކޯޓުން ޙުސައިން ޝާވިންއާއި ޢިޝާ އަޝްރަފްގެ ބަންދަށް ޖެހީ 15 ދުވަހެވެ. އަދި ނާހިލްގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.

https://sun.mv/226939

އެއަށްފަހު ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ކޯޓުން ވަނީ އަލުން ނާހިލްގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ ތުހުމަތުކުރެވޭ ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައިވުމުންނެވެ.

މާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް ކާޓްރިޖްތަކަކާއެކު ހައްޔަރުކުރި ތިން މީހުން --- ފޮޓޯ: ފުލުހުން

އެގޮތުން އެ ތިންމީހުން މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތި ޓްރެފިކްކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ދިރިއުޅޭ މ. ބޮއްދަގެ ބަަލައިފާސްކުރިއިރު، އެޕާޓްމެންޓުގެ ސިޓިންރޫމުގައި އެ މީހުން ތިބި ދިމާލުގައި، މޭޒެެއްގެ މަތީގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި (ކުނޑިތަކެއް ހުރި) ތައްޓެއް ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ ޒާތުގެ ތާސްބައި ގަނޑު ފެނިފައިވާއިރު ދަޅެއްގެ މަތީގައި ފޯނެއް ބަހައްޓައިގެން އެ ތަކެއްޗަށް އަލިކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން އެ ތަނަކީ ޝާވިންގެ ރައްޓެއްސެއް ބުނެގެން އޭނާ ހިފާފައިވާ ތަނެއް ކަމަށާއި، އޭނާގެ ރައްޓެއްސަކު ދިން ނުވަ ދަޅާއި މެތުކޮޅެއް އެތަނުގައި ހުންނާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ އެޕާޓްމެންޓް އިތުރަށް ބަލާ ފާސްކުރުމުން އެކި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފުޅިތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ވޭޕް ކާޓްރިޖްތަކަކާއި ބަނގުރާ ހުސްކޮށްފައިވާ ތަކެތީގެ އިތުރުން، މަސްތުވާތަކެތި ކުދިކޮށް ބަންދުކޮށް ޓްރެފިކްކުރަން ގެންގުޅޭ ޒާތުގެ އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ނާހިލްގެ ޔޫރިން ރިޕޯޓު ޓީއެޗްސީއާއި ސީއޭޓީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެ އޮޕަރޭޝަނުގައި 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން މަސްތުވާތަކެތި އެކުލެވިގެންވާ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެއެވެ.

ކޯޓުން ނާހިލްގެ ބަންދަށް 10 ދުވަސް ޖެހިއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 18ވާ އަންނަ ހަފުތާގެ ހުކުރު ދުވަހަށެވެ.

comment ކޮމެންޓް