ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ގުޅައި، އޮޅުވާލައިގެން މީހެއްގެ އެކައުންޓުން ފައިސާ ހޯދައި، އެ ފައިސާގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގި މައްސަލައެއްގައި ޅ. ނައިފަރު މާވަރު، އަސްލަމް ޘުހޫރު އާއި ރ. އަލިފުށި ތަނޑިރަތްމާގެ، މަރްޔަމް ޞަފްވާގެ މައްޗަށް ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މިއީ، 23 ޖަނަވަރީ 2021 ގައި ބީއެމްއެލްގެ ނަމުގައި ސ. ހިތަދޫ، ޖަންބުމާގެ، މުޙައްމަދު ހަނީނު އިބްރާހީމަށް ގުޅައި، އެކައުންޓުގައި ސެކިއުރިޓީ މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި އަދި ސްޓޫޑެންޓް ލޯނެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ، ހަނީނުގެ މަންމަ (ޢާއިޝަތު އަނީފާ) ގެ އެކައުންޓުން 75,457.74 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރުވި މައްސަލައެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، އެ ފައިސާގެ ތެރެއިން 50,000 ރުފިޔާ އަސްލަމް ޘުހޫރުގެ އެކައުންޓަށް ޖަމާވުމުން، އޭގެ ތެރެއިން 25,000 ރުފިޔާ އޭޓީއެމް މެދުވެރިކޮށް އޭނާ ނަގާފައިވެއެވެ. އަދި ބާކީ 25,000 ރުފިޔާ ވަނީ މަރްޔަމް ޞަފްވާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައެވެ.
މި މައްސަލައިގެ ޝަރީޢަތުގެ އިބްތިދާއީ މަރުޙަލާގައި އަސްލަމް ޘުހޫރު އާއި މަރްޔަމް ޞަފްވާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި މައްސަލައިގައި މަރްޔަމް ޞަފްވާ، ކުށަށް އިއުތިރާފުވުމުންނާއި ލުއި ދިނުމުގެ ގޮތުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް އިއްވިއެވެ. އަދި އޭގެ އިތުރުން ގެއްލުންވި ފަރާތަށް ބަދަލުގެ ގޮތުގައި 25,000 ރުފިޔާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް އަމުރުކުރިއެވެ.
މި މައްސަލައިގައި ދެން ހިމެނޭ އަސްލަމް ޘުހޫރު، ކުށަށް އިއުތިރާފުވި ނަމަވެސް، ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ޖިނާއީ ކުށެއް (މަސްތުވާތަކެތީގެ މައްސަލައެއް) ސާބިތުވެފައިވާތީ އަދަބު މަތިވުމާއެކު، ލުއިދިނުމަށްފަހު ކަނޑައެޅުނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ. އަދަބު ބަދަލުކޮށްދިނުމަށް އެދުމުން، ތިން މަހާއި 24 ދުވަހުގެ ޖަލު އަދަބު 28,800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، ބާކީ އެއް މަސްދުވަހުގެ ޖަލު އަދަބުގެ ބަދަލުގައި 160 ގަޑިއިރު މުޖުތަމަޢަށް ޚިދުމަތްކުރުމަށް ޤާޟީ ޞަފްޢަތު ޙަބީބް ވަނީ ކަނޑައަޅުއްވާފައެވެ.