އުތުރު ކޮރެއާގެ ރަސޮންއާއި ރަޝިޔާގެ ޚަސަން ގުޅުވައިދޭ ގޮތަށް، ޓުމެން ކޯރު ހުރަސްކޮށް ދެ ގައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް އެއްގަމު މަގުގެ ބްރިޖެއް ހުޅުވައިފިއެވެ.
މި ބްރިޖަކީ 495 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމާފައިވާ ބްރިޖެކެވެ. މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި އެއްގަމު މަގުން ދަތުރުކުރަމުން އައީ ރޭލު ދަތުރުކުރާ ބްރިޖެއްގެ މަތީގައި ވަގުތީ ގޮތުން ލަކުޑި ފިލާ އަޅައިގެންނެވެ.
ރަޝިޔާގެ ދައުލަތުގެ މީޑިއާ، ޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބްރިޖުން ދުވާލެއްގެ މައްޗަށް 300 އުޅަނދާއި 2،323 މީހުންނަށް ދަތުރުކުރެވޭނެއެވެ. ރަޝިޔާ ސަރުކާރުން ބުނި ގޮތުގައި، ފުރަތަމަ މި ބްރިޖު ބޭނުންކުރާނީ މުދާ އުފުލުމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު އާންމުންގެ ދަތުރުތަކަށް ބްރިޖު ހުޅުވާލާނެއެވެ. މިއަހަރުގެ މެއި މަހު ބީބީސީން އާންމުކުރި ސެޓެލައިޓް މަންޒަރުތަކުން ފެންނަ ގޮތުގައި، އެއް ކިލޯމީޓަރު ދިގު މި ބްރިޖާއެކު އާ މަގުތަކަކާއި، ބޯޑަރު ޗެކްޕޮއިންޓަކާއި، ޕާކިން ސަރަހައްދުތައް ވަނީ ހަދާފައެވެ.
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވަޑައިގެން ރަޝިޔާގެ ބޮޑުވަޒީރު މިޚާއިލް މިޝުސްޓިން ވިދާޅުވީ، މިއީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ “އާ ރަމްޒެއް” ކަމަށެވެ. އަދި މޮސްކޯއާއި ޕްޔޮންޔަންގްގެ ގުޅުން މިހާރު އޮތީ މީގެ ކުރިން ނެތްހާ މަތީ ދަރަޖައެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އުތުރު ކޮރެއާގެ ބޮޑުވަޒީރު ޕަކް ތޭ ސޮންގް ވަނީ މިއީ “ތާރީޚީ ކަމެއްގެ” ގޮތުގައި ސިފަކުރައްވާފައެވެ. އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، މި ބްރިޖު ބޭނުންކުރާނީ “މީހުން ބަދަލުކުރުމަށާއި، ފަތުރުވެރިކަމަށާއި ވިޔަފާރީގެ” ބޭނުންތަކަށެވެ.
ނަމަވެސް، ޔޫކްރެއިންގެ ތަހުގީގީ ޖަމާއަތެއް ކަމަށްވާ ޓްރޫތު ހައުންޑްސްއިން ބުނި ގޮތުގައި، މި ބްރިޖުގެ މައިގަނޑު ބޭނުމަކީ ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް އެހީތެރިވުމަށް ސިއްރު އަސްކަރީ ލޮޖިސްޓިކްސް މަގެއް ގާއިމުކުރުމެވެ. ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާގެ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، އުތުރު ކޮރެއާއިން ވަނީ އާގުބޯޓުތައް މެދުވެރިކޮށް ހަތް ބިލިއަނާއި 14 ބިލިއަން ޑޮލަރާ ދެމެދުގެ އަގެއް ހުރި ރޮކެޓާއި، މިސައިލާއި، އާޓިލަރީ ޝެލް ރަޝިޔާއަށް ފޯރުކޮށްދީފައެވެ. އަދި އުތުރު ކޮރެއާގެ 11،000 އެއްހާ ސިފައިން ރަޝިޔާގައި ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ކަމަށްވެސް އެ ފަރާތްތަކުން ލަފާކުރެއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން 2024 ވަނަ އަހަރު އުތުރު ކޮރެއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވެފައިވާ ސްޓްރެޓީޖިކް ޕާޓްނަރޝިޕް އެއްބަސްވުމުގެ ދަށުން، އުތުރު ކޮރެއާގެ އަސްކަރީ އޮފިޝަލުންނާއި އިސް ވެރިންގެ އިތުރުން މަސައްކަތްތެރިން ސީދާ ރަޝިޔާއަށް ފޮނުވުމަށް މި ބްރިޖު ބޭނުންކުރެވިދާނެ ކަމަށް ޓްރޫތު ހައުންޑްސްއިން ބުނެފައިވެއެވެ. އަދި ރަޝިޔާގެ ޓެކްނޮލޮޖީއާއި ވަސީލަތްތައް އުތުރު ކޮރެއާއަށް ގެންދިއުމަށްވެސް މި މަގު ބޭނުންކުރާނެ ކަމަށް އެ ޖަމާއަތުން ބުނެއެވެ.
ދެކުނު ކޮރެއާގެ އަންދާޒާތައް ދައްކާ ގޮތުން، އުތުރު ކޮރެއާގެ 10،000 އެއްހާ މީހުން ރަޝިޔާގެ އިމާރާތްކުރުމުގެ ދާއިރާގައާއި ލަކުޑި ކެނޑުމުގެ މަސައްކަތުގައި ހަރަކާތްތެރިވެއެވެ. އދ. އިން އުތުރު ކޮރެއާގެ މަސައްކަތްތެރިން ބޭނުންކުރުން މަނާކޮށްފައި އޮތް ނަމަވެސް، ގިނަ މީހުން ރަޝިޔާއަށް އެތެރެވެފައިވަނީ ކިޔަވާ ކުދިންގެ ވިސާގައެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުން ފެށިގެން ރަޝިޔާގެ ފަތުރުވެރިން އަންނަނީ އުތުރު ކޮރެއާގެ ވެރިރަށް ޕްޔޮންޔަންގްއަށާއި ވޮންސަން-ކަލްމާގެ ރިސޯޓުތަކަށް ޒިޔާރަތްކުރަމުންނެވެ.
ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) ގެ ތަޖުރިބާކާރު ވިކްޓާ ޗާ ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި، ބްރިޖު އިމާރާތްކުރުމުގެ ހަލުވިމިނުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މިންވަރެވެ. ޔޫކްރެއިން ހަނގުރާމައިގެ ކުރިން މިއީ އުތުރު ކޮރެއާއާއި އަވަށްޓެރި ގައުމުތަކާ ދެމެދު އޮތް އެންމެ ހަރަކާތްތެރިކަން ކުޑަ އެއް ގުޅުން ކަމަށާއި، ނަމަވެސް ރަޝިޔާއަށް ހަތިޔާރާއި ސިފައިން ފޯރުކޮށްދޭން ފެށުމާއެކު މިކަމަށް ބަދަލު އައިސްފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.