މޮސްކޯ (08 އޮކްޓޯބަރު 2026): އީރާންއާއި ރަޝިއާ އާދެމެދު އޮންނަނީ ސްޓްރެޓީޖިކް ގުޅުންތަކެއް ކަމަށާ އީރާންއާއި ރަޝިއާ އާ ދެމެދަށް އެހެން ގައުމަކަށް ވަދެގަނެވޭނެ ކަމަށް ހީވާފަރާތްތައް އެއުޅެނީ ހުވަފެނެއްގައި ކަމަށް ރަޝިއާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ނައިބު ރައީސް ޑިމިޓްރީ މިޑްވެޑޭވް ވިދާޅުވެއްޖެއެވެ.
މިޑްވެޑޭވް އާ ހަވާލާދީ ރަޝިއާގެ މީޑިއާ ބުނާގޮތުން އީރާންއާއި ރަޝިއާ ދެމެދުގައިވަނީ ވަރަށް ޚާއްސަ ސްޓްރެޓީޖިކް ގުޅުންތަކެއް ކަމަށާ އެގުޅުންތައް ޚަރާބު ކުރުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނޯންނާނެ ކަމުގައެވެ. އީރާނާއި ރަޝިއާއާ ދެމެދުކުރާ ވިޔަފާރިއާއި އެނޫން މުއާމަލާތްތައް އެމެރިކާ އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުންވަނީ ވަރަށް ބޮޑަށް އިތުރު ވެގެންގޮސްފައި ކަމަށާ ކެސްޕިއަން ކަނޑު ހުރަސްކޮށް ދެގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް މިފަހަކަށްއައިސްވަނީ އިތުރުވެގެން ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާންއެކޭ އެއްގޮތަށް ރަޝިއާ އަކީވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމަކަށްވާތީ މި ފިޔަވަޅުތަކާ ކުރިމަތިލުމަށްޓަކައި ރަޝިއާއި އީރާން ކުރާ ތަޖުރިބާތައް އެއްގައުމު އަނެއްގައުމާ ހިއްސާ ކުރަމުންގެންދާކަމަށްވެސް މިޑްވެޑޭވް ވިދާޅުވިއެވެ. އަދި އެމެރިކާގެ ފިޔަވަޅުތަކުގެ ބާރުކަނޑުވާލުމަށް ދެގައުމު ގުޅިގެން މަސައްކަތްކުރާ ކަމަށާ އީރާންގެ މާލީ ނިޒާމާއި ރަޝިއާގެ މާލީ ނިޒާމާ ދެމެދު އިލެކްޓްރޯނިކް ކޮށް ދެގައުމުގެ ފައިސާއިން މުއާމަލާތްތައް ކުރަމުން ގެންދާކަމަށާ މިކަމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާ ޑޮލަރު ބައިޕާސްކޮށް ރަޝިއާއާއި އީރާން ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ހިންގަމުންގެންދާކަން މިޑްވެޑެވް ފާހަގަ ކުރެއްވިއެވެ.
ރަޝިއާ އާއި އީރާނުގެ ރައީސުން އީރާނުގެ މަދަނީ ވައިގެ ދަތުރުތައް ހުއްޓުވުމަށް އެމެރިކާ އެޅި ހަރުކަށި ފިޔަވަޅުތަކަށްވެސް ރަޝިއާ ބޯލަނބައިފައެއް ނުވެއެވެ. އީރާނުގެ އެއާލައިންތައް މިހާރުވެސް ބަރާރަށް ރަޝިއާއަށް ދަތުރުކުރަމުން ގެންދެއެވެ. ރަޝިއާގެ އިތުރުންވެސް އެތަށް ގައުމަކަށް އީރާނުގެ އެއާލައިންތައް މިހާރުވެސް ދަތުރުތައް ކުރެއެވެ. މީގެތެރޭގައި ޗައިނާއާއި އާމިނިއާ، އިރާގާއި ތުރުކީ އަދި އަފްޣާނިސްތާނު ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުން މިސައިލް އުފެއްދުމަށް ބޭނުންވާ ކެމިކަލް އާއި އެނޫންވެސް ތަކެތި ހުއްޓުމެއްނެތި ރަޝިއާއިން އީރާނަށް އެކްސްޕޯޓް ކުރަމުން ގެންދެއެވެ.
އީރާނުގެ މައްޗަށް އެމެރިކާ ގަދަވެގަތުމަކީ ނުވަތަ އީރާނުގައި އެމެރިކާގެ ޕަޕެޓް ސަރުކާރެއް އުފެދުމަކީ ޗައިނާއާއި ރަޝިއާގެ ގައުމީ މަސްލަހަތަށް ނުރައްކާވާނެ ކަމެއްކަމާއި އެފުރުސަތު ޗައިނާވެސް އަދި ރަޝިއާވެސް އެމެރިކާއަށް ނުދޭނެކަމަށް އެގައުމުގެ މުހައްލިލުން ވިދާޅުވެފައިވެއެވެ. އެމެރިކާ އީރާންއާ ދެކޮޅަށް ފަށާފައިވާ އުދުވާނީ އަދި ޣައިރު ގާނޫނީ ހުއްޓުވުމަށްޓަކައި މެދުވެރިއެއްގެ ބައި އަދާކުރުމަށް ތައްޔާރަށް އޮތްކަން ރަޝިއާ ވަނީ ހާމަކޮށްފައެވެ. ރަޝިއާ ޔުކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ އީރާނަކީ ރަޝިއާއަށް ބޭނުންވާ ބައެއް ބާވަތްތަކުގެ ހަތިޔާރު ފޯރުކޮށްދޭ ގައުމެކެވެ. މީގެތެރޭގައި ޑްރޯން ހިމެނެއެވެ. ރަޝިއާއިން އީރާނަށް ބޭނުންވާ ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.