ޔޫކްރެއިން ހަނގުރާމަ ހުއްޓުވަން ޒެލެންސްކީ ނުލައި، ޝީއާއި ޓްރަމްޕާއެކު ސަމިޓެއް ބާއްވަން ޕޫޓިން ހުށަހަޅުއްވައިފި

ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ޚާއްސަ ސަމިޓެއް ބޭއްވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހުށަހަޅުއްވައިފި ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފިއެވެ.

މި މަޝްވަރާތައް ބޭއްވުމަށް ޕޫޓިން ހުށަހަޅުއްވާފައި ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ބައިވެރިނުކޮށެވެ.

'ވޯލް ސްޓްރީޓް ޖާނަލް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕޫޓިން މި ހުށަހެޅުން ހުށަހެޅުއްވީ މި މަހުގެ ކުރީކޮޅު ރައީސް ޓްރަމްޕާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި އަންނަ މަހު ޗައިނާގެ ޝެންޒެންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގެ ހަވާސާގައި މި ބައްދަލުވުން ބޭއްވުމަށް ކްރެމްލިންއިން ބޭނުންވާ ކަމަށް މަޢުލޫމާތު އެނގޭ ފަރާތްތަކާ ޙަވާލާދީ އެ ނޫހުގައި ބަޔާންކޮށްފައިވެއެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވެފައިވަނީ މިފަދަ ސަމިޓެއް ބޭއްވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގެ އެޖެންޑާއާ މެދު އަދި ސާފު އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ. އަދި މި ސަމިޓުގައި ބައިވެރިވުމާ މެދު ރައީސް ޓްރަމްޕް އަދި ވަކި ގޮތެއް ނުނިންމަވައެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ބައްދަލުވުމެއް ބޭއްވުމުގެ ވާހަކަތައް ދެކެވުނު ނަމަވެސް، އަދި އެކަން ފައިނަލް ވެފައި ނުވާ ކަމަށާއި ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ ހަނގުރާމަ ނިމުމަކަށް ގެންނަން ކަމަށެވެ.

މި ދަނޑިވަޅުގައި، ރައީސް ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާނުދިނުމަށް ޓްރަމްޕް އެދިވަޑައިގެންފައި ވަނިކޮށް، ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ޓާމިނަލަކަށް ޑްރޯން ހަމަލާތަކެއް ދިނުމުން ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޓްރޫތު ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާގެ ޑީސަލް ސާފުކުރާ ތަންތަނަށް ޒެލެންސްކީ ހަމަލާ ދެމުންދަނީ އެކަމުގެ ސަބަބުން އެމެރިކާ ހިމެނޭހެން ދުނިޔޭގެ މާކެޓަށް ބޮޑެތި ގެއްލުންތަކެއް ވާނެކަން އެނގިހުރެ ކަމަށެވެ. އަދި ޔޫރަޕުންނާއި ކުރީގެ ރައީސް ޖޯ ބައިޑަން ދެއްވި ފައިސާއާއެކު، ޒެލެންސްކީ މި ހަނގުރާމަ ހުއްޓުމަކަށް ގެންނަން ބޭނުންނުވާ ކަމަށްވެސް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.

މީގެއިތުރުން، ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމެވި ނިންމެވުން ދިފާޢު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެއީ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އެޅުއްވި ފިޔަވަޅެއް ކަމަށާއި، ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކުރެވިދާނެ ކަމަށެވެ.

comment ކޮމެންޓް