ފުލުހުންނަށް އެކަނި ކުށް މަދުނުކުރެވޭނެ، އެންމެ ބޮޑު ބާރަކީ ރައްޔިތުން: ސީޕީ

ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު: ކޮމިޝަނާ ވަނީ ފުލުހުންނަށް އެކަނި ކުށް މަދުނުކުރެވޭނެ ކަމަށް ވިދާޅުވެފަ --- ފޮޓޯ: ފުލުހުން

ފުލުހުންނަށް އެކަނި ކުށް މަދުނުކުރެވޭނެ ކަމަށާއި ފުލުހުންގެ އެންމެ ބޮޑު ބާރަކީ ރައްޔިތުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ސީޕީ އެފަދައިން ވިދާޅުވީ، މިއަދު އިސްކަންދަރު ކޮށީގައި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

ސީޕީ ވަނީ ވޭތުވެދިޔަ 22 އަހަރަކީ ހަމައެކަނި ދުވަސްތަކެއް ގުނާލުން ނޫންކަމަށާއި އެއީ ގޮންޖެހުންތަކާ ކުރިމަތިލައި، ބޮޑެތި އިސްލާހީ ބަދަލުތަކާއެކު ފުލުހުން ކެރިގެން ކުރިއަށްދިޔަ، ނުހަނު އުނދަގޫ ނަމަވެސް ކާމިޔާބު ދަތުރެއް ކަމަށެވެ.

ފުލުހުން އަސްކަރިއްޔާއިން ވަކިވި އެންމެ ބޮޑު މަގްސަދަކީ އަމުރުކުރުމުގެ ބަދަލުގައި ރައްޔިތުންގެ ކައިރިއަށް ގޮސް، ރައްޔިތުންގެ ހާލު ބަލައި، އިންސާނީ ކަރާމަތް ނަގަހައްޓައި އާންމު ޚިދުމަތްތެރިންނަށްވުން ކަމަށް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އަޅުގަނޑުމެންނަކީ ރައްޔިތުންގެ ހިމާޔަތުގައި ތިބި ރައްކާތެރީން. ބާވީސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންވަނީ ވަކި ފަރާތަކަށް ނުޖެހި ގާނޫނުގެ މިންގަނޑުތަކަށް ކަމޭހިތައި ޑިމޮކްރެޓިކް ހަމަތަކަށް ޖަވާބުދާރީވާނެ މުއައްސަސާއެއް ބިނާކުރުން މަތީ ދެމިތިބެފަ. ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު

ސީޕީ ވަނީ ފުލުހުންނަށް އެކަނި ކުށް މަދުނުކުރެވޭނެ ކަމަށާއި ފުލުހުންގެ އެންމެ ބޮޑު ބާރަކީ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ. ކައުންސިލްތަކާއި ޖަމިއްޔާތަކާއި އާންމު ފަރުދުން އެކުގައި، ކުށް އުފެދޭ މާހައުލު ނައްތާލުމުގެ ހިތްވަރު ފުލުހުންގެ ކިބައިގައި އެބަހުރިކަމަށާއި އެންމެން ގުޅިގެން ކުށް މަދު މާހައުލެއް ބިނާކުރުމަށް ސީޕީ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ފުލުހުން ތިބީ ކޮންމެ ގޮންޖެހުމަކަށް ވެސް ސާބިތުކަމާއެކު ކުރިމަތިލުމަށް ތައްޔާރަށް ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ މުއައްސަސާއިން، ކުރަމުންގެންދާ ހިތްވަރުގަދަ މަސައްްކަތަށް ސީޕީ ވަނީ ސާބަސް ދެއްވާފައެވެ.

މީގެ އިތުރުން، ރައްޔިތުންގެ އިތުބާރަކީ ބާރުގެ ބޭނުންކޮށްގެން ހޯދޭނެ އެއްޗެއް ނޫންކަމަށާއި އެއީ އިޚްލާސްތެރިކަމާއި ނަޒާހަތްތެރިކަމާއި އިންސާފުވެރިކަމުން ހޯދޭނޭ އެއްޗެހިކަން ސީޕީ ހަނދާންކޮށްދެއްވިއެވެ.

ކޮންމެ ފުލުހަކީވެސް މުއައްސަސާގެ އަބުރާއި ޝަރަފުގެ ރައްކާތެރިއެއް. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ އިޚްލާސްތެރިކަމާއި ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި އަބަދުވެސް ދެމިތިބުން. ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު

ސީޕީގެ ވާހަކަ ނިންމަވާލެއްވީ ރާއްޖެއަކީ އަބަދުވެސް އަމާން، ރައްކާތެރި އަދި ސުލްހަވެރި ތަނެއްގެ ގޮތުގައި ލަހައްޓަވައި ދިވެހި ފުލުހުންގެ ޚިދުމަތަށް އިތުރު ފާގަތިކަމާއި ކުރިއެރުމާއި ކާމިޔާބު މިންވަރުކުރެއްވުން އެދި ދުއާދަންނަވަމުންނެވެ.

comment ކޮމެންޓް