ސްޓްރޯކަށް ހޭލުންތެރިކުރުވުމާ ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ އިތުރުން އާންމުން ހޭލުންތެރިކުރުވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗް ގުޅިގެން އާޓިފިޝަލް ބީޗުގައި ބޭއްވި ވޯލްޑް ސްޓްރޯކް ޑޭ ހޭލުންތެރިކުރުމުގެ ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.
ސިއްހީ ދާއިރާގެ އެކި ބައިވެރިން އެއްތަންވި އެ ހަރަކާތް ކުރިއަށް ގެންދިޔައީ ނިމުނު މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ހަރަކާތަކީ ސިއްހީ މާހިރުންނަށް އާންމުންނާ ބައްދަލުކޮށް، ސްޓްރޯކްގެ އަލާމާތްތައް ދެނެގަންނާނެ ގޮތާއި ވަގުތުން ފަރުވާ ހޯދުމުގެ މުހިންމުކަމާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަރާތުން އެ ހަރަކާތުގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ:
- ޑރ. ޖޯ މަރިއާދާސް، ކޮންސަލްޓަންޓް ނިއުރޯސާޖަން
- މިސްޓަރ ރަމޭޝް ބާބޫ، ޗީފް ރިހެބިލިޓޭޓިވް ތެރަޕިސްޓް
- ފިޒިއޮތެރަޕީ ޓީމުގެ މެންބަރުން
އެ ހޮސްޕިޓަލުގެ ޓީމުން ވަނީ ބައިވެރިންނާ މުއާމަލާތްކޮށް ސްޓްރޯކުން ރައްކާތެރިވުމާއި، ބަލިޖެހުމަށް މަގުފަހިވާ ކަންކަމާއި، އިންޒާރުގެ އަލާމާތްތަކުގެ އިތުރުން ލިބެންހުރި ރިހެބިލިޓޭޝަން ޚިދުމަތްތަކާ ގުޅޭގޮތުން އިރުޝާދު ދީފައެވެ.
މީގެ އިތުރުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކުގެ ބައެއްގެ ގޮތުން، ސްޓްރޯކްގެ އަލާމާތްތައް ދެނެގަތުމަށް ބޭނުންކުރާ "ބީ ފާސްޓް" މެތަޑާ ބެހޭގޮތުން އިންޓަރެކްޓިވް އެޑިއުކޭޝަނަލް ސެޝަންތަކެއް ކުރިއަށްގެންދިޔަ ކަމަށާއި ސްޓްރޯކުން ރައްކާތެރިވުމާއި ބަލި މެނޭޖްކުރުމާ ބެހޭ މުހިންމު މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، އާންމުންގެ ބައިވެރިވުން އިތުރުކުރުމަށާއި ސްޓްރޯކާ ގުޅޭ ކުށްހީތައް ސާފުކޮށްދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.