ޤައުމީ ފުޓްބޯޅަ ޓީމުން ކިރްގިސްތާނާއި ލުބުނާނާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެނީ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލުކޮށްފިއެވެ.

ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 6 ގެ ނިޔަލަށް ތާވަލުކޮށްފައިވާ މި ބްރޭކުގައި ރާއްޖެއިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކިރްގިސްތާން އަދި ލުބުނާންއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅުމަށް ނިންމާފައިވަނީ ކިރްގިސްތާންގެ ބިޝްކެކްގައެވެ.

ފުރަތަމަ މެޗުގައި ސެޕްޓެމްބަރު 28 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ފީފާ ރޭންކިންގެ 106 ވަނައިގައި އަދި އޭޝިއާގެ 19 ވަނައިގައި އޮތް ކިރްގިސްތާނާ ދެކޮޅަށެވެ.

ދެވަނަ މެޗުގައި އޮކްޓޫބަރު 1 ވަނަ ދުވަހު ބައްދަލުކުރާނީ ފީފާ ރޭންކިންގެ 107 ވަނައިގައި އަދި އޭޝިއާގެ 20 ވަނައިގައި އޮތް ލުބުނާނާއެވެ. މިވަގުތު ދުނިޔޭގެ ރޭންކިންގެ 173 ވަނައިގައި އޮތް ރާއްޖެއިން މީގެ ކުރިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، ލުބުނާން އާއި ދެކޮޅަށް ކުޅުނު ފަސް މެޗުންވެސް ވަނީ ބަލިވެފައެވެ.

މި މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިސްތަވާން އުރްބާނީގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ކުޅޭ މުހިންމު މެޗުތަކެކެވެ.

މީގެ އިތުރުން، މި މަހުގެ 10 ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގުގެ ކަލަންޑަރުގައިވާ ގޮތުން، ގައުމީ ޓީމުގެ މެޗުތަކަށްޓަކައި ސެޕްޓެމްބަރު 25 އިން އޮކްޓޫބަރު 8 ގެ ނިޔަލަށް ލީގުގެ ކުޅުން މެދުކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް