މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 80 ރަބަރު ޕެކެޓާއެކު، އިންޑިގޯގެ ފްލައިޓަކުން ރާއްޖެއައި އިންޑިއާއަށް ނިސްބަތްވާ މީހަކު އިއްޔެ ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މޮހައްމަދު ޓަފެޖުލްއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލް ކުރުމުގެ ނުވަތަ ޓްރެފިކް ކުރުުމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައި ވަނީ އޭނާގެ މައްޗަށް އެކަަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ވުމުންނެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްސަލަ ހުށަހަޅާ ފޯމާއި ސީނަށް ދިޔަ ފުލުސް މީހާގެ ބަޔާނުގެ އިތުރުން، މަސްތުވާތަކެތީގެ ތަހުލީލު ނަތީޖާ ކޯޓު އަމުރުގައި ވަނީ ހިމަނާފައެވެ.
އިއްޔެ އިންޑިގޯ ފްލައިޓުން އޭނާ ރާއްޖެ އައިރު، އޭނާ ގެނައި ލަގެޖު ކަސްޓަމް އޮފިސަރުން އެކްސްރޭކޮށް، އިތުރަށް ބަލައިފާސްކުރިއިރު ލަގެޖުތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތަކެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުންގެ ބަޔާނުގައި، ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކުރުމުން، އޭނާގެ ލަގެޖު ބަލާފާސްކުރިއިރު ލަގެޖުގެ ތެރޭގައި އޮތް ދެ ރަބަރު ޕެކެޓުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 80 ރަބަރު ޕެކެޓު ފެނިފައިވާ ކަަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވަނީ ބުނެފައެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 440 ގުރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އޭނާގެ ތަހުލީލް ނަތީޖާ ޓެޓްރާހައިޑްރޯކެނަބިނޯލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، ބަރުދަނުގައި 418.99 ގުރާމު ހުރިކަމަށް ދައްކާފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
އޭނާގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހާފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއިން އަންނަނީ ބޯޑަރު ބެލެހެއްޓުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކުރަމުންނެވެ. މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ބޭނުންކޮށް ވިޔަފާރިކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ކަމާ ބެހޭ އިދާރާތަކުން ގުޅިގެން އަންނަނީ މިކަން ހުއްޓުވުމަށް ގިނަ އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.