މެދުއިރުމަތީގެ ހަނގުރާމަ ފެށި ފަހުން، ފަތުރުވެރިކަން އެންމެ ރަނގަޅުވީ މިދިޔަ މަހު

ދެ ފަތުރުވެރިއަކު ރާއްޖޭގައި: ހަނގުރާމައަށް ފަހު، ފަތުރުވެރިކަން އެންމެ ރަނގަޅުވެފައި ވަނީ މިދިޔަ މަހު --- ފޮޓޯ/ އަކްބަރު ޓްރެވަލްސް

މެދުއިރުމަތީގެ ހަނގުރާމަ ފެށި ފަހުން، ފަތުރުވެރިކަން އެންމެ ރަނގަޅުވީ މިދިޔަ މަހު ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފެބުރުވަރީ 28ގައި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް އައެވެ. އެއީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބުރުލެއް އެރިއެވެ.

https://sun.mv/224789

އެގޮތުން، މާރިޗު މަހު އެކަނި ވެސް މިދިޔަ އަހަރާ އަޅާބަލާއިރު، 19.8 ޕަސެންޓުގެ ދަށްވުމެއް ފަތުރުވެރިކަމަށް އައެވެ. ޖެހިގެން އައި އޭޕްރީލްގައި 24 ޕަސެންޓަށް ދަށަށް ގޮސް، މެއި މަހުގައި އެއް ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ.

އެކަމަކު، ޖެހިގެން އައި ޖޫން މަހުގައި އަނެއްކާވެސް 12 ޕަސެންޓު ދަށްވިއެވެ. އެއަށްފަހު، ޖުލައިގައި ވެސް ޕަސެންޓެއްގެ ދަށްވުމެއް ދެއްކުމަށް ފަހު، ފަތުރުވެރިކަން އެންމެ ރަނގަޅުވީ މިިދިޔަ މަހެވެ. އެގޮތުން މި ނިމުނު އޮގަސްޓުގައި ދެ ޕަސެންޓުގެ ކުރިއެރުމެއް ފަތުރުވެރިކަމަށް ވަނީ އައިސްފައެވެ.

ފަތުރުވެރިންތަކެއް ރާއްޖޭގައި -- ފޮޓޯ/ ޓްރެވެލް ޓްރޭޑް މޯލްޑިވްސް

ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ، 1.4 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ، ވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިން ޒިޔާރަތްކުރި އަދަދާ ބަލާއިރު، ތިން ޕަސެންޓު ދަށްވުމެކެވެ.

ފަތުރުވެރިންގެ އެންމެ ގިނައިން އަންނަ ގައުމުތަކުގެ މާކެޓުގެ އެއްވަނަ ކަށަވަރުކޮށްފައި ވަނީ، ޗައިނާއެވެ. އެ ގައުމުން އެކަނި 262،386 ފަތުރުވެރިން އައިސްފައިވާއިރު، 209،179 ފަތުރުވެރިންނާއެކު، މާކެޓުގެ ދެވަނައިގައި އޮތީ ރަޝިއާއެވެ.

އިނގިރޭސި ވިލާތުން ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިއިރު، އިޓަލީން ވަނީ 93،000އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

އެ ހުރިހާ ފަތުރުވެރިންގެ ތެރެއިން އެއް މިލިއަން މީހުން ގޮސްފައި ވަނީ ރިސޯޓުތަކަކަށެވެ. ގެސްޓްހައުސްތަކަށް ތިން ލައްކަ މީހުން ދިޔައިރު، 33،000 މީހުން ދިޔައީ ހޮޓާތަކަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުގެ އަމާޒަކީ މި އަހަރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

comment ކޮމެންޓް