ދެބަފައިންގެ އެކްސިޑެންޓުގައި އަނިޔާވި ބައްޕަގެ ހާލު ސީރިއަސް، އުންމީދު ކަނޑާލައިފި

ހުޅުމާލޭ ---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 62 އަހަރުގެ ފިރިހެންމީހާގެ ހާލު ސީރިއަސްވެ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

މި އެކްސިޑެންޓަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓެކެވެ.

'ސަން'އަށް މައުލޫމާތު ދެމުން މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރުދާއިރާގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވީ އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބީ ދެބަފައިން ކަމަށެވެ. އަދި ބައްޕައަށް މިހާރު ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ޒާޔާ ވަނީ މައުލޫމާތު ދެއްވާފައެވެ.

އެ ޕޭޝެންޓަކީ ޑައިލެސިސް ޕޭޝެންޓެއް ކަމަށާއި އެކްސިޑެންޓާއެކު ސިކުނޑީގެ ތެރެއަށް ލޭ އެޅިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޮޕަރޭޝަނަށްފަހު ވެސް އެއްވެސް އުންމީދެއް ނެތް ކަމަށް އާއިލާއާ ހަވާލާދީ ޒަޔާ ވަނީ މައުލޫމާތު ދެއްވާފައެވެ.

"އައިސީޔޫގަ ވެންޓިލޭޓަރުގައި އޮތީ. އެއްވެސް އުންމީދެއް ނެތް." އާއިލާއާ ހަވާލާދީ ޒާޔާ ވިދާޅުވިއެވެ.

ޒާޔާ މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ އޭނާގެ 24 އަހަރުގެ ދަރިފުޅު ގޮވައިގެން އޮފީހަށް ފިންގާ ޖަހަން ދިޔަ މަގުމަތީގައެވެ.

ޒާޔާ ވަނީ އޭނާއަކީ ދިވެހި މުދައްރިސެެއް ކަމަށާއި ކުރީގެ އެމްއީއެސް، އީޕީއެސް، އަމީނިއްޔާ ސްކޫލް، ގާޒީ ސްކޫލުގެ އިތުރުން އާލިޔާ ސްކޫލުގައި ވެސް ދިވެހި މުދައްރިސެއްގެ ވަޒީފާ އަދާކޮށްފައިވާ އެދުރެއްކަން ފާހަގަކުރައްވައިފައެވެ. އަދި މިހާރުވެސް ގޭގައި ގިނަ ކުދިންތަކަކަށް ދިވެހި މާއްދާއިން ޓިއުޝަން ނަގައިދެމުން އަންނަ އެދުރެއްކަން ޒާޔާ ވަނީ ފާހަގަކުރައްވާފައެވެ.

މި އެކްސިޑެންޓަށް ފަހު އެ ދެބަފައިން ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް އޭރު ލިބިފައިވާ އެއްވެސް އަނިޔާއެއްގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

https://www.sun.mv/226733

މީގެ އިތުރުން ވެސް ނުރައްކާތެރި ދެ ހާދިސާއެއްގައި ކުޑަ ދެ ކުދިން މިއަދު މަރުވުމާ ގުޅިގެންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ، ކ.މާލެ، މ.ލެމަންޓްރީ1، ޒީވާ ސިނާން އަޙްމަދު ވަނީ މަރުވެފައެވެ. އަދި ހަމަ އެ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ޓަވަރަކުން ވެއްޓި، އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު މިއަދު ވަނީ މަރުވެފައެވެ.

comment ކޮމެންޓް